މޮޅަދޫ ގޮނޑުދޮށުން ވެސް މަސްތުވާތަކެތި ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 59ސ
މޮޅަދޫ ގޮނޑުދޮށުން ވެސް މަސްތުވާތަކެތި ފެނިއްޖެ
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހއ. މޮޅަދޫގެ ގޮނޑުދޮށުން ވެސް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަކެތި އެންމެ ފުރަތަމަ ފެނިފައިވަނީ އެރަށުގެ ދެ އަންހެނަކަށެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެތަކެތި ފެނިގެން ކައުންސިލަށް ރިޕޯޓު ކުރުމާއި ގުޅިގެން އެސަރަޙައްދަށް ގޮސް ބެލިބެލުމުން އެފަދަ އިތުރު ޕެކެޓެއް ވެސް ފެނިފައިވާ ކަމަށާއި އެތަކެތި މޮޅަދޫއަށް ލައްގާފައިވަނީ ރޭ ދިޔަވަރު ބޮޑުވި ވަގުތު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ އެފަދަ ކަމެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި ފުލުހުން މިވަގުތު އެކަމަށް އެޓެންޑުވަމުންދާ ކަމަށެވެ. އަދި މިވަގުތު އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މޮޅަދޫ ކައުންސިލަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، ކައުންސިލްގެ ސީދާބަހެއް މިކަމާއި ގުޅިގެން ވަނީ ލިބޭ ގޮތް ނުވެފައެވެ.

މޮޅަދޫ ގޮނޑުދޮށުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައިވާއިރު އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހއ. އިންނަފިނޮޅުގެ ފަރަށް އެރި ބޯޓެއްގައި ހުރި މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެހިތަކެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ޝައްކު ކުރަމުންނެވެ.
މިއަދު އޮންލައިން