މިދިޔަ ބުދަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ހިނގަމުން ދަނިކޮށް ފުލުހުން ހައްޔަރު ކުރި 27 މީހުންގެ ތެރެއިން އަދިވެސް ފުލުހުންގެ ބަންދުގައި ތިބި 18 މީހުން ދޫކޮށްލުމަށް އެޕާޓީއިން ގޮވާލައިފިއެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްޙަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކޮށް ބޭއިންސާފުން އަދަބު ދިނުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މުސްތަޤްބަލު ބިނާ ކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.
"ދިވެހިރާއްޖޭއަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ ސިޔާސީ ޕާޓީތަކުގެ މުސްތަޤިއްލުކަން ކަށަވަރުވެ، ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ލިބިދީގެން ކަމުގައި ދެކެމެވެ. އަދި ވާދަވެރި ސިޔާސީ މާހައުލެއްގެ ތެރެއިން ނޫނީ ރިޔާސީ އިންތިހާބު ބޭއްވިގެން ނުވާނެއެވެ." އެމްޑީޕީއިން ނެރުނު ބަޔާނުގައި ވެއެވެ.
މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެންމެ މުހިންމު އެއް ކަމަކީ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތުދީ، ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ޖާގަ ދިނުން ކަމަށެވެ.