ޖޭޕީއަކީ ލިބިވަޑައިގަންނަވަން އޮތް ވަރަށް ގިނަ ފުރުޞަތުތައް ދޫކޮށްލެއްވުމަށްފަހު ލީޑަރު ޤާސިމް ވެވަޑައިގެންނެވި ވަރަށް ބޮޑު ޤައުމީ ޤްރްބާނީއެއް- އޭކޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޖޭޕީއަކީ ލިބިވަޑައިގަންނަވަން އޮތް ވަރަށް ގިނަ ފުރުޞަތުތައް ދޫކޮށްލެއްވުމަށްފަހު ލީޑަރު ޤާސިމް ވެވަޑައިގެންނެވި ވަރަށް ބޮޑު ޤައުމީ ޤްރްބާނީއެއް- އޭކޭ
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ލިބިވަޑައިގަންނަވަން އޮތް ވަރަށް ގިނަ ފުރުޞަތުތައް ދޫކޮށްލެއްވުމަށްފަހު ލީޑަރު ޤާސިމް އިބްރާހީމް ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންނެވި ވަރަށް ބޮޑު ޤައުމީ ޤްރްބާނީއެއް ކަމަށް އެޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ކަމާލުއްދީން މިމޭރުމުން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނާއި، ޖޭޕީގެ ކައުންސިލާއި، ގޮފިތަކަށް އަލަށް އައްޔަންކުރެވުނު މެންބަރުންނަށް މަރުހަބާކިޔުމަށް "ޖޭޕީ- ހޭވައްލާ" ހަރަކާތްތަކުގެ ތެރެއިން މިރޭ މާފަންނު ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޖޭޕީ އުފެދުނީވެސް، ދެމިއޮތީވެސް ޤައުމުގެ 3 ވަނަ ފިކުރުގެ ގޮތުގައި ކަމަށާއި އަދި މިހާރު ވެސް ދެމިއޮތީ ޤައުމުގެ 3 ވަނަ ފިކުރުގެ ގޮތުގައި ކަމަށެވެ.

ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ލީޑަރު ޤާސިމް އިބްރާހީމް އެއިރު ހުންނެވި ސަރުކާރުގެ އިސް މަޤާމްތަކާއި އެއިރު އޮތް ސަރުކާރުގެ އިސްވެރިން އުފެއްދެވި ޕާޓީ އާއި އެޕާޓީގައި ޤާސިމް އިބްރާހީމް ހުންނެވި އިސް މަޤާމްތައް ދޫކޮށް ލެއްވުމަށްފަހު ޖޭޕީ އާއި ގުޅިވަޑައިގެންނެވި ސަބަބުތަކަށް ވިސްނައި ފިކުރުކުރަންޖެހޭނެ ކަމަށެވެ.

"އެތަރުޖަމާ ވެގެން އަންނައިރު ޖޭޕީ އަކީ އެއިރު އިދިކޮޅަށް ނުކުތް ޕާޓީ އާއިވެސް މުޅިން ޚިޔާލު އެއްގޮތް ޕާޓީއެއް ނޫން. އަދި އެއިރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނާއިވެސް މުޅިން ޚިޔާލު އެއްގޮތް ޕާޓީއެއް ނޫން. މިއީ ރާއްޖޭގެ 3 ވަނަ ފިކުރޭ."

ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޖޭޕީ އިން މިހާރު ކުރާ މަސައްކަތަކީ ލީޑަރު ޤާސިމް އިބްރާހީމް އާއި އެއިރު ޕާޓީގައި އިސްކޮށް ތިއްބެވި ލީޑަރުންގެ ފިކުރު ކަރުދާހަށް ނެގުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނެރޭ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓްކަމަށްވުމަށް އުންމީދުކުރައްވާ ކަމަށެވެ. "މިވަގުތު ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ކާމިޔާބު ކޮންގްރެސްއަކަށް ހެދުން. އަދި އެއަށްފަހު ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ފެށޭނެ. އުންމީދަކީ ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ވެގެންދިއުން." .

ސަމީރު ވިދާޅުވީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށްވުމަކީ ވަރަށް ބޮޑު އުންމީދެއް ނަމަވެސް އެކަމަށް ކުދިކުދި ގާނޫނީ ހުރަސްތައް ހުރި ކަމަށާއި ނަމަވެސް އެ ހުރަސްތައް ދާދި އަވަހަށް ނެތިގެން ހިނގައިދާނެކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިލްތިމާސަކީ ޕާޓީގެ މެންބަރުންގެ ހަރަކާތްތައް އިތުރުކޮށް ވަރުގަދަކޮށް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް މަސައްކަތްކޮށްދިންކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ ހިމެނިވަޑައިގަންނަވާކަން ފާހަގަކުރައްވައި ސަމީރު ވިދާޅުވީ ރާއްޖޭގައި ހުރި އެންމެ ހަލުވި، އެންމެ ގޯލާ ރަހުމަތްތެރި ފޯވާޑް މިއަދު ހުރީ ޖުމްހޫރީ ޕާޓީގައިކަމަށާއި ދެން ޖުމްހޫރީ ޕާޓީ ނުހުއްޓުވޭނެކަމަށެވެ.

ޢަބްދުﷲ ކަމާލުއްދީނުގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން