އޭނާ ނިޔާވީ މައްކާގައި އުމްރާއެއް ކުރުމަށްފަހު މަދީނާގައި ހުއްޓާ
ދީނީ ޢިލްމުވެރިޔާ މުޙައްމަދު ހޮބްލޯސް ކިޔާދެއްވި، ސާލިޙު އަޅެއްގެ ވާހަކައެވެ.
އޭނާއަށް ކިޔަނީ ކޯދަރު ކޭންޖް އެވެ. ކޭންޖް ނިޔާވީ މިއަހަރުގެ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ރޭ، މަޣްރިބް ނަމާދަށް ބަންގި ގޮވި ވަގުތު، މަދީނާގައި ހުއްޓައެވެ.
"ކޮންފަދަ ރީތި މަރެއް ހެއްޔެވެ؟ ކޭންޖް ނިޔާވީއިރު އޭގެ ކުރީ ދުވަހު އޭނާވަނީ މައްކާގެ ކައުބަތުﷲ ގެފުޅުގައި ޢުމްރާއެއް ފުރިހަމަ ކޮށްފައެވެ. ޢުމްރާ ފުރިހަމަ ކުރުމަށްފަހު އޭގެ އަނެއްދުވަހު، މަދީނާގެ ރައުދާގައި އެންމެ ކުރީ ސަފުގައި ހުރެ މެންދުރު ނަމާދު ކުރުމަށްފަހު، މާތް ރަސްކަލާނގެއަށް ޒިކުރުކޮށް ދުޢާ ކުރު ކުރުމުގައި އިތުރު ދެ ގަޑިއިރު އޭނާ މިސްކިތުގައި ހޭދަ ކޮށްފައިވެއެވެ.
ނަމަވެސް އެދުވަހުގެ މަޣްރިބް ނަމާދާއި ކައިރިވަމުން ދިޔައިރު ކުއްލިއަކަށް ކޭންޖްގެ ސިއްޙީ ހާލު ގޯސްވާން ފެށިއެވެ. މޭގައާއި ބުރަކަށީގައި ރިއްސަން ފެށުމުން އޭނާ އެމްބިއުލޭންސަކަށް ވެސް ގުޅިއެވެ. އޭނާގެ ހާލު ރަނގަޅުވުމަށް އެދި ދުޢާ ކުރަމުން، ކޭންޖްގެ އާއިލާ މެންބަރުން އެވަގުތު އޭނާ ކައިރީގައި ހުއްޓެވެ.
ނަމަވެސް ކޭންޖް އަށް އިތުރު ވަގުތެއް ނެތްކަން އިޙުސާސް ކުރެވުނުފަދައެވެ. ޝަހާދަތުގެ ދެކަލިމަ ކިޔަން އޭނާ ފެށިވަގުތުވީ މަޣްރިބް ނަމާދަށް ބަންގިވެސް ގޮަވަމުން ދިޔަ ވަގުތަށެވެ.
މާތް ﷲ ކޯދަރު ކޭންޖް ގެ ފުރާނަ ގެންދެވީ މަޣްރިބް ނަމާދަށް އިމާމު ބަންގި ގޮވި ވަގުތު، އޭނާގެ ދުލުން ޝަހާދަތުގެ ދެކަލިމަވެސް ކިޔަމުން ގެންދިޔަ ވަގުތުއެވެ. އޭނާ ވަޅުލާފައިވަނީ މަދީނާގައި ބާޣިއްޔާ ގައެވެ.
ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަފައިވެއެވެ. 'އެމީހެއްގެ ފުރާނަ މަދީނާގައި ގެންދަވާ މީހެއްގެ ހަށިގަނޑު މަދީނާގައި ވަޅުލާށެވެ. އެހެނީ މަދީނާގައި މަރުގެންދެވޭ މީހެއްގެ މައްޗަށް ތިމަން ކަލޭގެފާނު ދުޢާ ދަންނަވާ ހުށީމެވެ.' (ތިރްމިދީ)
ކޯދަރު ކޭންޖް އަށް މިފަދަ ރީތި މަރެއް ލިބުނީ އެކަމަށްޓަކައި އޭނާ ނުހަނު ބުރަ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ޤަބޫލު ކުރެވެއެވެ.
އޭނާގެ އުފަން ޤައުމު ކަމުގައިވާ ސިޑްނީ ގައި އުޅުނުއިރުވެސް އޭނާއަކީ ޤަވާއިދުން ނަމާދުކުރާ މީހެކެވެ. އަދި ފަތިސް ނަމާދު ކުރުމަށްފަހު އެދުވަހެއްގެ ހެނދުނު ނުވައެއް ޖަހަންދެން ޤުރްއާން ކިޔަވަން އޭނާ އިންނަ މަންޒަރުވެސް ވަރަށް ގިނައިން ފެނެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމަށް އޭނާ ވަރަށް ބުރަ މަސައްކަތެއް ކުރިއެވެ. އެކަމަކީ އޭނާއަށް ކުރަން އެހާ ފަސޭހަކަމަކަށް ނުވި ކަމުގައި ވިޔަސް އޭނާ ހިތްވަރު ދޫކޮށެއް ނުލައެވެ. ޤުރްއާންގެ އެއް ޞަފްޙާ ހިތުދަސް ކުރަންވެސް ހަފްތާއަކަށްވުރެ ގިނަ ދުވަސް ކޭންޖަށް ނެގިކަމުގައި ވިޔަސް، އޭނާ ހިތްވަރު ދޫކޮށްނުލައެވެ.
ކީރިތި ޤުރްއާން ހިތުދަސް ކުރުމަށް އޭނާ ކުރަމުން ދިޔަ ބުރަ މަސައްކަތަށް ވަރަށް ގިނަ މީހުން އޭނާއަށް ސަނާކިޔެވެ. ފުރިހަމައަށް އެކަމަށް ވަގުތު ދިނުމަށްތަކައި އޭނާވަނީ މިދިޔަ އަހަރު އޭނާގެ އާއިލާ ގޮވައިގެން ސައުތު އެފްރިކާއަށް ދަތުރުކޮށް، އެތަނުގައި ފުލްޓައިމް ހިފްޒް ސްކޫލަކަށް ވަދެފައެވެ.
ކޭންޖް އެނބުރި އޮސްޓްރޭލިއާ އަށް ދިޔައީ، އޭނާގެ މައިމީހާގެ ބަލިހާލަތު ގޯސްވުމުގެ ޚަބަރު ލިބުމުން މައިމީހާގެ ގާތު ހުުރުމަށެވެ. އޭނާގެ މަންމަގެ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ކޭންޖް މަންމަގެ ކައިރީގައި ހުއްޓެވެ.
ކޯދަރު ކޭންޖް އަކީ އެހެން މީހުންނަށް ހުރި ފުރިހަމަ ރީތި މިސާލެކެވެ."