ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ މަންދޫބެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދޫނިދޫ ޖަލަށް ވަޑައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ބައްދަލު ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރު ރޭގެ ވަގުތެއްގައި ރައީސް މައުމޫނާއި ބައްދަލު ކުރައްވައިފިކަން އެމަނިކުފާނުގެ ޤާނޫނީ ވަކީލު، މައުމޫން ހަމީދު، ކަށަވަރު ކޮށްދެއްވަމުން މިއަދު ވިދާޅުވީ އާދަމް ޝަރީފު ޖަލަށް ވަޑައިގެންނެވީ ރައީސް ޔާމީން ވިދާޅުވެގެން ރައީސް މައުމޫންގެ ހާލުކޮޅު ބެއްލެވުމަށް ކަމަށެވެ.
"ރައީސް މައުމޫން ވަރަށް ސާފުކޮށް ވިދާޅުވި އެމަނިކުފާނުގެ ސިއްޙީ ހާލަތު ހުރި ގޮތާއި އެމަނިކުފާނާއި މެދު ތަފާތުކޮށް އަމަލުކޮށް، ބަންދުކޮށްފައި ހުރީ ސިޔާސީ މަޤުސަދެއްގައިކަމާއި ޝަރީއަތް ވެސް ކުރިއަށް ގެންދަނީ ސިޔާސީ ނުފޫޒުން ކަމަށް" ރައީސް މައުމޫންގެ ޤާނޫނީ ވަކީލު ވިދާޅުވިއެވެ.
މީގެއިތުރުން މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅަށް ވެސް ރިއާޔަތް ކުުރުމެއްނެތި ފާޅު ކުރަން ކެރޭ އެއްވެސް ހެއްކެއް ނެތި އެމަނިކުފާނު ބަންދުކޮށްގެން ގެންގުޅެމުންދާއިރު މީހަކު ގެއްލުވާލި މައްސަލައެއްގައި ދައުވާ ކުރަމުންދާ ބަޔަކު މިހާރުވެސް މިނިވަނުންގެ ގޮތުގައި ތިބިކަމަށާއި ރަހުމު ކުޑަ ގޮތަކަށް މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ވެސް ދާދި ފަހުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށެވެ.