މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ވަކި ދުވަހެއް އަންނަ ބުރާސްފަތި ދުވަހު އިއުލާނު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެކޮމިޝަނުން އުފައްދާފައިވާ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު އީސީގައި ބާއްވާފައިވަައިރު، އެބައްދަލުވުމުގައި އެކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅިފައިވާ ކަމަށާއި އެއީ ކޮން ތާރީޚެއްކަން އަންނަ ބުރާސްފަތި ދުވަހު އިއުލާނު ކުރެވޭނެ ކަމަށެވެ.
ޤާނޫނުގައިވާ ގޮތުން ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރ މަހު ބާއްވަން ޖެހެއެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ގެ ރިޔާސީ ކެނޑިޑޭޓު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެވެ.
މިނިވަން ކެނޑިޑޭޓެއްގެ ގޮތުން އަމިއްލަފުޅަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކޮށްފައިވެއެވެ.