އިޒްރެއިލާއިއެކު ކުޅެން ހަމަޖެހުނު ފުޓުބޯޅަ މެޗު އާޖެންޓީނާއިން ފަލަސްތީނަށްޓަކައި ކެންސަލް ކޮށްފި
އިޒްރެއިލުގެ ފުޓުބޯޅަ ޓީމާއެކު އާޖެންޓީނާ އިން މިދިޔަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު، ފަލަސްތީނަށްޓަކައި އާޖެންޓީނާއިން ކެންސަލް ކޮށްލިއެވެ.
މިމެޗު ކުޅުމަށް ހަމަޖެހުނީ އިޒްރެއިލުން މިހާރު ހިފުމަށް ބާރުއަޅަމުން ގެންދާ ފަލަސްތީނުގެ އެންމެ މާތް އެއް ބިން ކަމުގައިވާ ޤުދުސް ގެ ޓެޑީ ސްޓޭޑިއަމް ގައެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިޒްރެއިލާއެކު ކުޅުމަށް ހަމަޖެހުނު އެމެޗު އާޖެންޓީނާ އިން ކެންސަލްކުރީ، ފަލަސްތީނުގެ ރައްޔިތުންނާއިމެދު އިޒްރެއިލުން ކަންތައް ކުރަމުން އަންނަ ރަޙުމް ކުޑަ ގޮތްތަކާއިމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިމެޗު ކުޅުމަށް އެންމެ ފުރަތަމަ ހަމަޖެހުމާއި ގުޅިގެން އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލަޔަނެލް މެއްސީ އަށް ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އިޒްރެއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކާއި ދުއްތުރާތަކުގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވުމަށް މެއްސީ އަށް އެފަރާތްތަކުން ގޮވާލާފައިވެއެވެ.
އިޒްރެއިލާއި އާޖެންޓީނާ އާއި ދެމެދު ބޭއްވުމަށް ހަމަޖެހުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ކެންސަލު ކުރުމާއި ގުޅިގެން އިޒްރެއިލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް އަވަހަށް އާޖެންޓީނާގައި ހުންނަ އެޤައުމުގެ ކައުންޓާރޕާޓް މޯރިޝިއޯ މާކްރީ އާއި ފޯނުގެ ޒަރީއާއިން ވާހަކަ ދައްކާނެ ކަމަށް އިޒްރެއިލުގެ ނޫސްތަކުން ބުނެފައިވެއެވެ.