ބްލޮގަރ ޔާމީން މަރާލި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރ ޔާމިން ރަޝީދު (29އ.) މަރާލި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މިއަދު ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ތާވަލް ކުރި އެމައްސަލައިގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް އެކޯޓުން ބުނެފައެއް ނުވެއެވެ.
ބްލޮގަރ ޔާމިން ރަޝީދު މަރާލި މައްސަލައިގައި މިހާރު ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ކުރިއަށް ގެންދަންޖެހޭ އިބްތިދާއީ އަޑުއެހުންތަކެވެ. މިއީ ސިއްރުން ކުރިއަށް ގެންދާ އަޑުއެހުންތަކެކެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑިއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ އާއިލާއާއި ޔާމީންއަށް ހެޔޮއެދޭ ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޭނާ މަރާލި ކަމުގެ ދައުވާ ހަ މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. އެއީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ޙުސެއިން ޒިޔާދާއި، މ. ކުދެހިގެ ޙަސަން ޝިފާޒާއި، ގދ، ގައްދޫ ސިންދުބާދުގެ މުޙައްމަދު ދިފްރާން ގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލް ގެ މައްޗަށެވެ. ހައިޝަން އާއި ޒިހާން އަކީ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބްލޮގަރ ޔާމީން މަރަކީ ސިޔާސީ ގޮތުން ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އޭނާ މަރާލުމުގައި ބައިވެރިވެފައިވަނީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު ކަމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.