މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިހާބަށް ކުރިމަތިލުން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވޭ ތާރީޚް އިއުލާނު ކުރުމަށް މިރޭ އީސީގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތުލުމަށް ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި އެދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް އެފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމަށެވެ.
އީސީ ގެ ރައީސް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް 15 ޖުލައި ގައި އިއުލާނު ކުރުމަށް ކެންޑިޑެސީ އިއުލާން ކުރުމާއި، ކެނޑިޑޭޓުންނަށް ކެނޑިޑޭޓް ނަންބަރ ދިނުމަށް ހަމަޖެހިފައިވަނީ 9 އޯގަސްޓްގައި ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ކެނޑިޑޭޓުންނަށް 30 ދުވަހަށްވުރެ ގިނަ ދުވަސް ލިބޭނެ ކަމަށާއި މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބެހެއްޓި ހުރިހާ ޤައުމެއްގައި ވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވޯޓުފޮށި ބަހައްޓާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން ވޯޓުލުމަށް ރެޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރެޖިސްޓްރީ ކުރާ އެހެން ޤައުމު ތަކުގައިވެސް ވޯޓުފޮށި ބަހައްޓާނެ ކަމަށް އީސީ ގެ ރައީސް ވިދާޅުވިއެވެ.