މިއަދު އދ ގައި ނެގި ވޯޓުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ 46 ވޯޓެވެ. އިންޑޮނޭސިއާ ގޮނޑި ކާމިޔާބުކޮށްފައިވަނީ 144 ވޯޓުންނެވެ. މިއީ ގޮނޑި ކާމިޔާބުކުރަން ބޭނުންވާ 127 ވޯޓަށްވުރެ 17 ވޯޓު ގިނަ އަދަދެކެވެ.
މިހައި ބޮޑު ނާކިޔާބީއަކާއި ރާއްޖެއަށް ކުރިމަތިލާން ޖެހުނު ސަބަބަކީ ރާއްޖޭގައި މިހާރު ހިންގާ ޝަރީއަތްތަކާއި ކަންކަން ކުރުމުގައި އެއްވެސް އަދުލުވެރިކަމެއް ނެތުން ކަމަށް ބޭރުގެ ނޫސްތަކުން ފާހަގަކުރެއެވެ.
ސަރުކާރުގެ ބައެއް ވަޒީރުން މިއަދުވެސް ވިދާޅުވަމުން ގެންދެވީ ގޮނޑި ރާއްޖެއިން ކާމިޔާބުކުރާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ކަންކަން އަންދާޒާ ކުރާ ގޮތާއި ބައިނަލްއަޤްވާމީ މުޖުތަމައުން ރާއްޖެ ބަލައިގަންނަ ގޮތް ވަރަށް ތަފާތުކަން މިވަނީ ހާމަވެފައެވެ.
ރާއްޖެއަކީ އދ ގެ ގޮނޑި ކާމިޔާބުކުރުމުގައި ފަޚުރުވެރި މާޒީއެއް އޮތް ޤައުމެކެވެ. އދ ގެ އިންސާނީ ޙައްޤުތަކާއިބެހޭ މަޖިލީހުގެ ގޮނޑި 2009 ވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރީ 190 މެންބަރުންގެ ތެރެއިން 185 ޤައުމުގެ ތާއީދާއިއެކުގައެވެ.
މިހައި ބޮޑު ފެއިލްވުމެއް ލިބިގެން މިދިއައީ ކޮންމެ ގޮތަކުން ނަމަވެސް ގޮނޑި ކާމިޔާބުކުރަން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއްކޮށް އަދި ބޮޑެތި ޚަރަދުތަކެއްވެސް ކޮށްފައި ވަނިކޮށެވެ.
މިވޯޓަށްޓަކައި ފިޝަރީޒް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު ވަނީ އެމެރިކާއަށް ވަޑައިގެން ވޯޓު ނެގި މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.