އިއްޔެ ހުޅުމާލެއަށް ރޯދަވީއްލަން ދިޔަ ޒުވާނަކަށް ގޭންގަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާއަށް ހަމަލާދީފައިވަނީ އޭނާ ގަދަކަމުން ސައިކަލަކަށް އަރުވައިގެން އެޗްޑީސީ ގެ ނާސަަރީ އަށް ގެންގޮސް، އެތަނުގެ ތެރޭގައެވެ.
އެނގިފައިވާ ގޮތުގައި އެޒުވާނާއަށް ލަކުޑިއާއި ގަލުން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ބޯފަޅައިގެން ގޮސްފައިވެއެވެ. އަދި އަތާއި ފައިގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަން މަށައިގެންގޮސް ދުޅަވެފައިވެސް ވެއެވެ.
ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެޒުވާނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނީ އިއްޔެ ރޭ 18:20 ހާއިރު ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވުމުން އޮބްޒަވޭޝަންގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.