ދިރާގު ޓީވީ އިން "ލަވް ނޭޗާ" ނަމަކަށް ކިޔާ 4ކޭ ޓީވީ ޗެނަލެއް މިއަދު ތަޢާރަފް ކޮށްފިއެވެ.
މިޗެނަލަކީ 4ކޭ ކޮލިޓީގައި ގުދުރަތީ ރީތި ހިތްގައިމު މަންޒަރުތައް ގެނެސްދޭ ޑޮކިއުމަންްޓަރީ ޗެނަލެކެވެ. އަދި މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވެސް ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ޗެނަލެކެވެ.
ދިރާގު ޓީވީ އިން ތަޢާރަފް ކުރި މިޗެނަލުން ގޭގޭގެ ސިޓިންގ ރޫމްތަކުން 4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ ގެ ފުރިހަމަކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"ލަވް ނޭޗާ" ޗެނަލް ތަޢާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖުގެ ބޯނަސް ޗެނަލެއް ގޮތަށެވެ.
މިޗެނަލް ބެލުމުގެ ފުރުސަތު ހަމައެކަނި ލިބުމަށް ހަމަޖެހިފައިވަނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯދާ ފަރާތްތަކަށް ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.
މިޗެނަލް ފުރަތަމަ ލިބުމަށް ހަމަޖެހިފައިވަނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށްތަކަށެވެ. ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް "ލަވް ނޭޗާ" ޗެނަލް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު ޓީވީގެ އިންޓްރަޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާއެވެ. މިޕެކޭޖުން 80 އަށްވުރެ ގިނަ ޗެނަލްތައް ބަލާލެވޭނެއެވެ.
ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކި ޚާއްސަ ޖޯއިބޮކްސްއެއް ހޯދަން ނުޖެހޭނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ. އަދި މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން، ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާއި ނުލާ ޖޯއިބޮކްސް ލިބޭނެ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.