ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާން ފިރިހެން ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރ "މިއަދުނޫހަށް" މައުލޫނާތު ދެއްވަމުން ވިދާޅުވީ، މިއެކްސިޑެންޓުގައި އަނިޔާވީ ތިން ޒުވާނުންނަށް ކަމަށާއި، އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
އުމުރުން 24 އަހަރުގެ އެކުއްޖާ މިހާރު ޓްރީޓޮޕް އަށް ބަދަލު ކުރަން އުޅޭ ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ކޯޑިނޭޓަރ ވިދާޅުވެފައިވެއެވެ.
އަޕްޑޭޓް:
މިއެކްސިޑެންޓް ހިނގާފައިވަނީ މިރޭ 21:20 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކްސިޑެންޓުގައި އަނިޔާވީ ޒުވާން ތިިން ފިރިހެން ކުދިންނަށް ކަމަށާއި ހާލުދެރަވި މީހާގެ އިތުރުން އަނެއް ދެމީހުންނަށް އަދިވެސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓުގައި ހާލު ދެރަވި ޒުވާނާގެ އެއްވެސް މައުލޫމާތެއް ކުރިން ނޭނގުނު ކަމުގައިވިޔަސް، މިހާރު އޭނާގެ އާއިލާއިން މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށް މަންޒަރު ދުށް ފަރާތަކުން "މިއަދުނޫހަށް" މައުލޫމާތު ދީފައިވެއެވެ.
މިއެކްސިޑެންޓާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މިއެކްސިޑެންޓު ހިނގާފައިވަނީ ދެމީހަކު އަރައިގެން ދުއްވާފައި ދިޔަ ސައިކަލަކުން މަގުމަތީގައި ހިނގާފައި ދިޔަ މީހެއްގެ ގައިގާ ޖެހިގެން ކަމަށާއި ހާލު ސީރިއަސް ވެފައިވަނީ ހިނގާފައި ދިޔަ މީހާގެ ކަމަށެވެ.
މިއެކްސިޑެންޓު ހިނގީ ހުޅުމާލޭގައި ހުންނަ އަމީން ވިއު ފުލެޓުތައް ހުންނަ ސަރަޙައްދުގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.