އއ. އުކުޅަހު ކައުންސިލްގެ ރައީސާއި ނައިބު ރައީސް، އެމްޑީޕީ އިން މިދިޔަމަހު ބޭއްވި ޕްރައިމަރީ ވޯޓުލުމުގައި އަމަލީ ގޮތުން ބައިވެރިވި މައްސަލައެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފިއެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް އަށް އެލްޖީއޭ އިން އިއްޔެ ސިޓީއެއްގައި ބުނެފައިވަނީ، މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެމްޑީޕީން ބޭއްވުމަށް ހަމަޖެހުނު އެޕާޓީގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުން ކަމާބެހޭ އެންމެހާ މުއަައްސަސާތަކަސް އަންގައި، ސިވިލް ކޯޓުން ވެސް ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، އެރަށު ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަބްދުﷲ ފިރާޤް، އެމްޑީޕީ ގެ ޕްރައިމަރީ ވޯޓުލުމުގެ ކަންތަކުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުުގެ މައުލޫމާތު އެލްޖީއޭ އަށް ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން އެލްޖީއޭ އިން ފޮނުވި ސިޓީގައި އަންގާފައިވަނީ، އެކަން ހިނގިގޮތުގެ މައުލޫމާތާއި ލިޔެކިޔުންތަކުގެ އިތުރުން އެކަމާމެދު ކައުންސިލްގެ ރައީސް ޝައުކަތު އާއި ނައިބު ރައީސް ފިރާޤް ފާހަގަ ކުރަން ބޭނުންވާ ކަންކަން ފާހަގަކޮސް، މިއަދު މެންދުރު 12:00 ގެ ކުރިން އެއޮތޯރިޓީއަށް ފޮނުވުމަށެވެ.
ދީފައިވާ މުއްދަތަށް ޖަވާބުދާރީ ނުވެއްޖެނަމަ ދެވަނަ ފުރުސަތު ދޫކޮށްލިކަމަށް ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެއެވެ.