އުނގޫފާރު ކައުންސިލްގެ މެމްބަރު ޙުސެއިން އާސިފް "މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި، މިއަލިފާނުގެ ހާދިސާގައި ޒަހަމް ވެފައިވަނީ ޝްރީ ލަންކާގެ ބިދޭސީ ރައްޔިތަކަށް ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ފަޔާއި އަތް ވެސް ވަރަށް ބޮޑަށް ފިހިފައިވެއެވެ.
އެމީހާގެ އިތުރުން، އަލިފާން ރޯވި ބޯޓުން ބުރައިގެން އައި އެއްޗަކުން ޖެހި ބަނދުމަތީގައި ހުރި ދިވެއްސަކަށް ވެސް އަނިޔާވެފައިވާ ކަމަށާއި އެދެމީހުންނަށް ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ އާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އުނގޫފާރު ބަނދަރުގައި އޮތް އެތެޔޮ ބޯޓުގައި އަލިފާން ރޯވީ، އެބޯޓުގެ ޖެނެރޭޓަރުގައި ކަމަށާއި ބޯޓުގެ ފަޅުވެރިން "އަލިފާން ނިވި" ބޭނުން ކޮށްގެން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 21:05 ގައި ކަމަށާއި މިހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.