ހުޅުމާލޭ އަމީން ވިއު ފްލެޓުތައް ކައިރީގައި ރޭ ހިނގި އެކްސިޑެންޓުގައި، ހާލު ސީރިއަސްވެ މަރުވި ޒުވާނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލުން އެންމެ ފުރަތަމަ ވެސް ރަނގަޅަށް ފަރުވާ ނުދިނުމުން ކަމަށް ބުނެ ފެތުރޭ ވާހަކަތައް އެހޮސްޕިޓަލުން ދޮގުކޮށްފިއެެވެ.
މަގުން ހިނގާފައި ދިޔަ މީހެއްގައިގާ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 24 އަހަރުގެ މުޙައްމަދު ސޮބާޙް ޙުސެއިން އަށެވެ. އޭނާވަނީ އެއެކްސިޑެންޓުގެ ސަބަބުން ރޭ މެންދަމުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައެވެ.
އެކްސިޑެންޓުވުމުން ހުޅުމާލެ ހޮސްޕިޓަލަށް ސޮބާޙް ގެންދިޔުމުން، އޭނާގެ އެއްވެސް މައުލޫމާތެއް ނޭނގުމުގެ ސަބަބުން މެމޯ ނުހެއްދި، އޭނާއަށް ލިބެންޖެހޭ ފަރުވާ ލަސްވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވަމުން، ހުޅުމާލެ ހޮސްޕިޓަލު ހިންގުމާއި ހަވާލުވެގެން ހުންނަ އާސަންދަ ކުންފުނީގެ ސީނިއަރ މީޑިއާ ކޯޑިނޭޓަރ އާޝިޔާ ސޯލިޙް ވިދާޅުވީ، އެކްސިޑެންތު ވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ރޭ ގެންދެވުނު ޒުވާނާއަށް އެއްވެސް ލަސްކުރުމެއް ނެތި ފަރުވާ ދޭން ފެށިކަމަށެވެ.
މެމޯ ނުހެއްދިގެން ފަރުވާ ލަސްކުރިކަމަށް ބުނާ ވާހަކައަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށާއި ބަލިމީހާގެ ހާލު ސީރިއަސްކަމުން އައިޖީއެމްއެޗް ހޮސްޕިޓަލަށާއި އޭޑީކޭ އަށް ގުޅައިގެން ވާހަކަ ދައްކާ، ބަލިމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ނަމަވެސް އޭޑީކޭގެ ނިއުރޯސަރޖަން އަކަށް ދެއްކުމަށް ހަމަޖެއްސި ކަމަށް ވެސް އާޝިޔާ ވިދާޅުވިއެވެ.