މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ބައިވެރިވި އެޕާޓީގެ ކައުންސިލަރުންނަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފިޔަވަޅު އަޅަމުންދާތީ، އެމްޑީޕީ އިން އެކަން ކުށްވެރި ކޮށްފިއެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީއިން ތަމްސީލު ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެޕާޓީގެ އަސާސީ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ބޭއްވި ރިޔާސީ ޕްރައިމަރީގެ މަސައްކަތުގައިި ބައިވެރިވި އެމްޑީޕީ ގެ ކައުންސިލަރުންނަށް އެލްޖީއޭ އިން ބިރުދެއްކުމުގެ ގޮތުން ސިޓީ ފޮނުވަމުންދާ ކަމަށާއި އެކިއެކި ކަންކަމާ ގުޅިގެން ސިޔާސީ ބޭނުމަށް ޤާނޫނާ ޚިލާފަށް އެކައުންސިލަރުންނަށް ފިޔަވަޅު އަޅަމުން ގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިވެރިކޮށް މިފަދަ ނާތަހުޒީބު ކަންކަން ކުރުން ހުއްޓާލުމަށް އެކްޖީއޭ އަަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުން ޤާނޫނު އަސާސީން ރައްތިތުންނަށް ކަށަވަރު ކޮށްދީފައިވާ އެތައް ޙައްޤުތަކަކަށް އަރައިގަނެ، ޤާނޫނުތަކަށް ބޯލެނބުމެއް ނެތި ޤާނޫނުގެ ވެރިކަން ވަނީ ނަގާލާފައި ކަަމަށެވެ.