ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކާއިމެދު ފިޔަވަޅު އަޅާނަން- އާސަންދަ
ބައެއް މީޑިއާތަކުން އާސަންދަ ކުންފުންޏާއި އެކުންފުނީގެ ދަށުން ހިންގާ ހުޅުމާލޭ ހޮސްޕިޓަލު ބަދުނާމުވާ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އާސަންދައިން އިންޒާރު ދީފިއެވެ.
އާސަންދައިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް އެކިއެކި މީޑިއާ ޕްލެޓްފޯމްތަކުގައި ހުޅުމާލެ ހޮސްޕިޓަލާއި އެކުންފުނި ބަދުނާމުވާހެން ވާހަކަ ފަތުރާ، އެކުންފުނިންދޭ މައުލޫމާތު ރައްޔިތުންނަށް އޮޅުން އަރާހެއް ގެނެސްދެމުންދާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ދިގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެންހުރި ވިޔަވަޅުތައް އަޅާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ސިއްޙީ ދާއިރާއަކީ ރައްޔިތުންގެ އިހުސާސްތަކާއި ނުހަނު ގުޅިފައިވާ ދާއިރާއެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދޭގޮތަށް ރިޕޯޓު ނުކުރުމަށާއި އަދި އެފަދަ ކަންކަމުގައި ހިމެނޭ ފަރާތްތަކަށް އިތުރު ހިތްދަތިކަން ލިބޭނެ ގޮތަކަށް އެކިއެކި މީޑިއާތަކުގައި ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށް އާސަންދައިން ގޮވާލާފައިވެއެވެ.