ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ތަހުގީގަށް ފޯނު ނުދިންކަމުގެ ދައުވާގައި އެމަނިކުފާނު އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. އޭގެ އިތުރުން ރައީސް މައުމޫނަށް ދެއްވާފައިވާ ދީނީ ނަސޭޙަތް ދިނުމުގެ ހުއްދަ ވެސް ކޯޓުން މިއަދު ވަނީ ބާތިލް ކޮށްފައެވެ.
އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމަށް ބުނެ ކޮށްފައިވާ ދައުވާގައި، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް މިއަދު ވަނީ ޙުކުމް އިއްވާފައެވެ. އެދެބޭފުޅުންގެ މައްޗަށް ވެސް އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެކެވެ.
ރައީސް މައުމޫނަށް ޖަލު ހުކުމެއް މިއަދު އިއްވާފައިވާއިރު، އެމަނިކުފާނުވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައެވެ.
ޖަލުގައި ގިނިކަންޔާއި ހޭދަ ކުރެއްވި ދުވަސްކޮޅު، ރައީސް މައުމޫންގެ ސިއްޙީ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔުމުން، އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް އާއިލާއާއި ވަކީލުން ވަރަށް ބޮޑަށް އެދެމުން ދިޔައެވެ.