ރާއްޖޭގައި 30 އަހަރުގެ ދިގު މުއްދަތަކަށް ރައީސްކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ފަނޑިޔާރު އަބްދުﷲ ސައީދު ދިގު މުއްދަތަކަށް ޖަލަށްލާން އިއްޔެ ކުރި ހުކުމަކީ އިންސާފުވެރި ޝަރީއަތަކަށްފަހު ކުރި ހުކުމެއް ނޫން ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުވެސް އިންސާފުވެރު ވާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރަށް ހުކުމް އިއްވީ އިންސާފުވެރު ޝަރީއަތަކުން ނޫން ކަމަށާއި އޭގެ ސަބަބުން ޤާނޫނުގެ ހުކޫމަތު ނަގަހައްޓާނެ ކަމަށް ރާއްޖެއިން ބުނާ ބުނުމާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
މީގެއިތުރުން ދިވެހި ރައްޔިތުންނާއި އިންޑިއާ ކަނޑުގެ އެހެން އަވައްޓެރިންގެ ވެސް މަސްލަހަތު އޮތީ ހަމަޖެހުން ގާއިމްވެފައި އޮންނަ ޑިމޮކްރެޓިޖް ރާއްޖެއެއްގައި ކަމަށާއި އިންތިހާބުގެ ސައްޙަކަން ކަށަވަރު ކުރުމަށް ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އެހެނިހެން ސިޔާސީ ހައްޔަރީން މިނިވަންކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބަކަށް މަގުފަހި ކުރުމަށް ވެސް އިންޑިއާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.