ސުވާލުކުރުމެއް، ތަހުގީގެއް ހިންގުމެއްނެތި އަދީބަށް ދައުވާ ކުރަން އޭސީސީން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 14ސ
ސުވާލުކުރުމެއް، ތަހުގީގެއް ހިންގުމެއްނެތި އަދީބަށް ދައުވާ ކުރަން އޭސީސީން ނިންމައިފި
ވިލާ ގުރޫޕަށް ދޫކުރި ހުރިހާ ރަށެއްގެ މައްސަލަ ސްޕްރީމްކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައިވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިލާގެ ސެޓުލްމަންޓް އެގްރީމަންޓްތަކާއި ގުޅުވައިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.

ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކާއި ގުޅޭގޮތުން މީގެ ކުރިން އޭސީސީން ވަނީ އަދީބާއި ސުވާލުކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެމަނިކުފާނު މިވަގުތު ދޫނިދޫގައި ހައްޔަރުކޮށްފައި ބަހައްޓާ ބެހެއްޓުމަކީ ގާނޫނާއި ޚިލާފު ކަމެއްކަމަށްވާތީ، ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އެ ކޮމިޝަނަށް ހާޒިރުކުރުމުން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެ އެދުވަހު އަދީބު ވަނީ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިއުތިރާޒުކުރައްވާފައެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބު ގަބޫލުކުރައްވާގޮތުގައި އޭސީސީގެ މި އަމަލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމަށް އިތުރު ގޯނާތަކެއް ކުރުމުގެ ނިޔަތުގައި ދައުލަތުން ހިންގާ ޖަރީމާއެއްކަމަށެވެ. އަދި ވިލާއާއިއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުންތަކަކީ ހެދިފައިވާ ގާނޫނާއި، ގަވާއިދުތަކާއި އެއްގޮތަށް ރަނގަޅަށް، ސައްހަގޮތުގައި ހެދިފައިވާ އެއްބަސްވުންތަކެއްކަމަށްވެސް އަދީބު ވިދާޅުވެފައިވާކަމަށެވެ.

ސެޓްލްމަންޓް އެއްބަސްވުންތަކާއި ގުޅޭގޮތުން ސުވާލުކުރުމެއް، ތަހުގީގެއް ހިންގުމެއްނެތި އަދީބަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމަށް އޭސީސީން ނިންމާފައިވާއިރު، މިކަމާއި ގުޅިގެން ދައުލަތަށް 110 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާކަަމަށް ބުނެ ވިލާގެ އަތުން އެ ފައިސާ ހޯދުމަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ މި މައްސަލާގައި އަދީބު އެދިފައިވަނީ މައްސަލައަށް ޖަވާބުދާރީވުމަށް އޭސީސީއަށް ހާޒިރުކޮށްދިނުމަށާއި، މައްސަލައާއި ގުޅިގެން ވަކީލުންނާއި ބައްދަލްކުރުމަށް ފުރުސަތު ދެއްވުމަށްކަމަށެވެ.

ނަޝްވާ ވަނީ އިންސާފުވެރި ތަހުގީގެއް ނުހިންގާ މިމައްސަލާގައި ދައުވާކުރަން މިގޮތަށް ނުފޮނުވޭނެކަމަށް ވިދާޅުވެފައެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީގެ ނަޒާހަތްތެރިކަން ގެއްލިފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނުން އެއީ މިނިވަން މުއައްސަސާއެއްގެ އިސް މަގާމުގައި ހުރުން އެކަށީގެންވާ ބޭފުޅެއް ނޫންކަން ވަނީ ހާމަވެފައެވެ.

ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން ދައުލަތުން އުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިއަ އަޑުއެހުމުގައި، އެކޯޓުން ވަނީ، ވިލާއަށް ދޫކުރި ރައްތައް ސަރުކާރުން އަތުލި މައްސަލަގައި ހައިކޯޓުން ވިލާއާއި ދެކޮޅަށްކުރި ހުކުމްތައް ބާތިލްކޮށް، އެ ތަންތަން އަތުލީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅާފައެވެ. ހައިކޯޓުގެ ނިންމުން ބާތިލްކަމަށް ސްޕްރީމްކޯޓުން ކަނޑައަޅާފައި މިވަނީ، އެރަށްތަކާއި ފަޅުތަކުގެ މައްސަލަ ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައި ވަނިކޮށް، ހައިކޯޓުން 2015 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ވިލާއާ ދެކޮޅަށް މައްސަލަތައް ނިންމާފައިވަނިކޮށެވެ.

ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް، މިރަށްތަކާއި ފަޅުތަކުން ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާ ކަމަށް ބުނެ 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ ފަރާތުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ވިލާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި ވިލާ އިން އެއްވެސް ފައިސާއެއް ދެއްކުމަށް މިހާތަނަށް އެއްވެސް ކޯޓަކުން ވިލާގެ މައްޗަށް ހުކުމްކޮށްފައި ނުވި ނަމަވެސް ވިލާ އިން ދައުލަތަށް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް ބުނެ މީރާއިން ވަނީ ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.

-‍ ވީނިޔުސް
މިއަދު އޮންލައިން