3 ދާއިރާއަކުން ގުޅިގެން މަސައްކަތްކޮށް ކުރިއަށްދިއުމަށް ވިލާ ކޮލެޖާއި އިންޓަނޭޝަނަލް ސެންޓަރ ފޯރ އެންވަޔަރަންމަންޓް ޑިވަލޮޕްމެންޓް އެންޑް އޮޕަރޭޝަނަލް ރީސާޗް (އެންޑީވޯ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވިލާ ކޮލެޖުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު އެވެ. އެންޑީވޯގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.
މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނީ ދިރާސާކުރުމުގެ މަސައްކަތާއި ކުރެވޭ ދިރާސާތައް ޖަރނަލްތަކުގައި ހާމަކުރުމާއި އަދި ދިރާސާ ކުރުމުގެ ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތެވެ.
މިރަސްމިއްޔާތުގައި ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖަކީ ދިރާސާކުރުމުގެ ދާއިރާގައި ވަރަށް ހަލުވި ދުވެލީގައި މަސައްކަތްކޮށް ކުރިއަށްދާން ބޭނުންވާ ކޮލެޖެއް ކަމަށެވެ. އެގޮތުން ވަރަށް ގިނަ ވޯކްޝޮޕްތައް ހިންގާފައި ވާނެ ކަމަށާއި ކޮލެޖްގެ މުވައްޒަފުންނަށް ރިސާޗުގެ ދާއިރާއިން ތަމްރީނުތައް ދީފައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެންޑީވޯ އާއި އެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އެންޑެވޯ އާއި އެކު މިހާރުވެސްް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި މިއެއްބަސް ވުމަކީ އެ މަސައްކަތްތައް ރަސްމީ ގޮތެއްގައި ބަލައިގަތުމަށް ވެވޭ އެއްބަސްވުމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޑރ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ކުރާ ދިރާސާތައް ސިޔާސަތުތައް ކަނޑައަޅާ މަރުހަލާތަކަށް ގެންދިޔުމުގައި އެންޑީވޯ ފަދަ ޖަމިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
ޑރ. ސައްތާރު ވިދާޅުވީ ޔުނިވާސިޓީ ތަކުގައި ކިޔާވާ ކުދިންގެ ދިރާސާތަކަކީ ގެއްލިގެންދާނެ އެއްޗެއް ނޫން ކަމަށާއި އެންޑީވޯގެ މައިގަނޑު މަސައްކަތަކީ އެފަދަ ދިރާސާ ތަކުގައި ހުރި ބިނާކުރަނިވި ކަންކަން ބަލައި ސިޔާސަތުތައް ކަނޑައަޅާ މަރުހަލާތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ. އެންޑީވޯއިން އިސްކަންދޭ މައިގަނޑު ތިން ދާއިރާއެއްވާ ކަން ފާހަގަކުރައްވަމުން ޑރ. ސައްތާރު ވިދާޅުވީ މާހައުލުގެ ދާއިރާ ތަރައްގީގެ ދާއިރާއާއި ރިސާޗްގެ ދާއިރާއަށް އިސްކަންދޭ ކަމަށެވެ.
ޑރ. ޢަބްދުއްސައްތާރު ޔޫސުފްގެ ވާހަކަފުޅުގައި ވަނީ ވިލާ ކޮލެޖުން އެބޭފުޅުންނަށް އިތުބާރު ކުރައްވާ އެ ބޭފުޅުންނާއެކު މަސައްކަތް ކުރުމަށް އެއްބަސްވުމުން އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ވިލާ ކޮލެޖާއި އެންޑީވޯއާއި ގުޅިގެން ރިސާޗް ދާއިރާގެ އެކި ކަންކަމުގައި މަސައްކަތްކުރުމެވެ. މީގެ އިތުރުން އިލްމީ އެހެނިހެން ދާއިރާތަކުން މަސައްކަތް ކުރުމާއި ދިރާސާގެ ދާއިރާއިން މީހުން ބިނާ ކުރުމުގައި އެއްބާރުލުން ދިނުންވެސް މިއެއްބަސްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ވިލާ ކޮލެޖަކީ ދިރާސާ ކުރުމުގެ ދާއިރާއިން މިހާރުވެސް އިޖުތިމާޢީ އަދި ޤައުމީ ދާއިރާއިން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޮލެޖެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ މަހާސިންތާތައްވެސް ދަނީ ބާއްވަމުންނެވެ.