ތަށިބަރި ޙަރަކާތަށް ފާޑުކިޔުމުގެ ބަދަލުގަ ފަޤީރަކަށް ތަށިބަރިއެއް ނުދިނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
ތަށިބަރި ޙަރަކާތަށް ފާޑުކިޔުމުގެ ބަދަލުގަ ފަޤީރަކަށް ތަށިބަރިއެއް ނުދިނީ ކީއްވެ؟
މިއަހަރުގެ ރަމަޟާން މަހު އެންމެ ގިނަބައެއްގެ ސަމާލުކަމަށް އައި އެއް ހަރަކާތަކީ ތަށިބަރި ޙަރަކާތެވެ. ތަށިބަރި ހަރަކާތް ފެށި ބައަކު އެކަން ކުރިއަށް ގެންދިއައީ އެބައަކަށް ފެނުނު އެންމެ ރަނގަޅު ގޮތުގައެވެ. އެހެންކަމުން އެބައަކު އެކަން ކުރިއަށް ގެންދިއަ ގޮތާއިމެދު ފާޑުކިޔުމުގެ ބޭނުމެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ތަށިބަރި ހަރަކާތުގައި ކުރީ ރަނގަޅު ކަމެކެވެ. ރާއްޖެއިން ގެއްލެމުން އަންނަ ސަގާފަތެއް ދިރުވުމެވެ. އެމީހަކު ބޭނުން ގޮތަކަށް އެ ހަރަކާތް ކުރިއަށް ގެންދެވިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.

އެއް އިމާރާތެއްގެ ބުރިތަކުގައި ތަފާތު ޢާއިލާތައް ދިރިއުޅޭއިރު ޖެހިގެންހުރި ދޮރަށް ވެސް ތަށިބަރިއެއް ދިއްކޮށްލެވިދާނެއެވެ. ތަށިބަރި ދިނުމުގެ މާނައަކީ ބޭރުން އެތެރެކޮށްފައި ހުންނަ ތަށިބަރީގެ ބައިތައް ފުރެންދެން އެއްޗެތި އަޅާފައި ދިނުމެއްވެސް ނޫނެވެ. އެކަމަށް ޚާއްޞަކޮށްގެން ބޮޑެތި ޚަރަދުތައް ކޮށްގެން ތަކެތި ތައްޔާރުކޮށްފައި ދިނުމެއްވެސް ނޫނެވެ. އެ ގެއެއްގައި ތައްޔާރުކުރި އެއްޗަކުން މިންވަރެއް ފޯރުކޮށްލި ނަމަވެސް ހަމަ އެއޮތީ ތަށިބަރި ދެވިފައެވެ.

އެންމެ ތަށްޓަކަށް އަޅާފައި ދިން ނަމަވެސް ފުދުނީއެވެ. ފުޅިމަދު ލަންޗް ބޮކްސްއެއް ފަދަ އެއްޗެއްގައި ދިންނަމަވެސް މަޤްޞަދު ޙާޞިލުވީއެވެ. މަޤްޞަދަކީ ގާތް މީހުންނަށާއި ފަޤީރުންނަށާއި އަދި އެމީހަކު ދޭން ބޭނުން ކޮންމެ މީހަކަށް ނަމަވެސް އެއްޗެއް ދިއްކޮށްލުމެވެ.

ބައެއް މީހުން ތަށިބަރި ފަޤީރުންނަށް ނުދީގެން ސުވާލުތައް އުފެއްދިއެވެ. އެންމެ ބޮޑު ސުވާލަކީ އެސުވާލުތައް ސޯޝަލް މީޑިއާގައި އުފެއްދި މީހުން ފަޤީޤަރަކަށް އެއްވެސް އެއްޗެއް ދިއްކޮށްލިތޯއެވެ؟ ހަމަ ދޭންވީ ނޫންތޯއެވެ؟ އެކަމަށް ހުރަސް އެޅީ ކާކުތޯއެވެ؟

ވަރަށް ރަނގަޅު ޚިޔާލުތައްވެސް ފެނުނެވެ. އެކުގައި އުޅޭ ގްރޫޕުތަކުގެ މެދުގައި ތަށިބަރި ބަދަލުކުރުމެވެ. ކްލާސްމޭޓުންގެ މެދުގައި ތަށިބަރި ބަދަލުކުރުމެވެ. އޮފީހުގެ މުވައްޒިފުންގެ މެދުގައި ތަށިބަރި ބަދަލުކުރުމެވެ. މިހިރީ ހަމަ ހައްތާވެސް ރަނގަޅު ކަންތައްތަކެވެ. ހަމަ ބަދަލުކުރަންވީއެވެ.

ގިނަ ބައަކު މަޣްރިބް ނަމާދަށް ދެއެވެ. މަޣްރިބް ނަމާދަށްދާއިރު ގޭގައި ހުންނާނީ ކައްކައި ނިމިފައެވެ. އެތަނުން ކުޑަ އެތިކޮޅެއް 2 ރުފިޔާއަށް ގަންނަން ލިބޭ ފުޅިމަދު ލަންޗް ބޮކްސް އަކަށް އަޅައިގެން ގޮސް ނަމާދުން ފައިބަމުން އެހެން މީހަކަށް ދިއްކޮށްލި ނަމަވެސް ހަމަ ތަށިބަރި ދެވުނީއެވެ.

މިސްކިތަށް ދާ އެންމެންނަކީ ބޮޑެތި މަހުޖަނުންނެއް ނޫނެވެ. ކާއެތިކޮޅަކަށް ބޭނުންވެގެން ތިބޭ މީހުންވެސް ތިބޭނެއެވެ. އެފަދަ މީހުން ފާހަގަކޮށްފައި ވެސް ދެވިދާނެއެވެ.

މިސްކިތަށް ޢާންމުކޮށް ގޮސް އުޅޭނީ އެއް ސަރަހައްދެއްގައި ދިރި އުޅޭ ބައެކެވެ. ވާހަކަ ދައްކާލައި ގުޅުން ބަދަހިކުރާނަމަ މީހުންގެ ދިރިއުޅުމުގެ ޙާލަތުވެސް އެނގިގެންދާނެއެވެ. ދޭންވީ މީހުން އޮޅިގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.

ބައެއް ގޭގައި ،3 4 ވައްތަރު ފަނި ގިރައި ނުބޮވިގެން ސިންކަށްވެސް އަޅަނީއެވެ. އަނެއް ބައަކު ފަނި ގިރާލާނެ އެއްޗެއް ނުލިބިގެން ދެރަވެފައި ތިބީއެވެ. ބައެއް ގޭގޭގައި ތައްޔާރުކުރާ ކާތަކެތި ހުސް ނުކުރެވިގެން އުކަނީއެވެ. އަނެއްބައި ގޭގޭގައި ދަރިންނަށް ހާރުކާންދޭނެ ނުވަތަ ރޯދަވީއްލާނެ އެއްޗެއް ނެތިގެން ދަރަނިވެރިވެސް ވަނީއެވެ. މިއީ މިކަން ހަމަ ހިނގާނެ ގޮތްވެސް މެއެވެ.

އައްޔޫބް ބުނީ އޭނާއަކީ މުއްސަންޖެއް ނޫން ކަމަށެވެ. ނަމަވެސް ހަމަ ފުއްދައިގެން އުޅޭ މީހެއް ކަމަށެވެ. އެހެންކަމާއިއެކުވެސް އޭނާ ކުރާ ކަމެއް ހިއްސާ ކުރިއެވެ. "މާރުކޭޓަށް ދެވޭ ދުވަސް ދުވަހު މީހުން އުޅޭ ގޮތް ބަލަން ހުންނަމެވެ. ބައެއް މީހުން އައިސް އެއްޗެއްގެ އަގު އަހައިފާނެއެވެ.

އެދުވަހު މާރުކޭޓުގައި ވިއްކަންހުރި އެންމެ ހެޔޮ އަގު ބުނުމުން ވެސް ނިތްކުރިއަށް ރޫއަރުވާލާފައި ހިނގައިގަންނަތަން ފެނެއެވެ. އެފަދަ މީހަކު ފެނުމުން ވަރަށް ސިއްރުން އެނާއަށް އެ އެއްޗެއް ހަދިޔާކުރަންތޯ އަހައިލަމެވެ. ހަމަ ގިނަ މީހުން އެކަމަށް އެއްބަސްވެއެވެ. އެއްބަސްވީމާ ގަނެދެމެވެ. މަދުވެގެން ދުވާލަކު 2 މީހަކަށް ކޮންމެވެސް އެއްޗެއް ގަނެދެވޭތޯ ބަލަމެވެ. އެކަމުގެ ސަބަބުން ޖީބުން ހަމަ އެންމެ ރުފިޔާއެއް މަދުވި ކަމެއްވެސް އިޙްސާސެއް ނުވެއެވެ."

އައްޔޫބް އެ ބެހީވެސް ކުޑަ ތަށިބަރިއެއް ނޫނެވެ.

ކޮންމެ ކަމެއްގެ ތެރެއިންވެސް އިޞްލާޙްކޮށް ބަދަލުކުރަންވީ ކަންކަން ފެންނާނެއެވެ. އެމީހާ އަމަލުކުރަން ބޭނުންވާ ގޮތް ވެސް އޮންނާނެއެވެ.

އެގޮތަކަށް އެމީހަކު އަމަލުކުރުމުން އެ ނިމުނީއެވެ. މީހަކު ކުރާހައި ކަމަކަށް ފާޑުކިޔުމުގެ ބަދަލުގައި ތިމާއަށް ކުރެވުނު ރަނގަޅު ކަމެއް ކުރާނަމަ އެކަމުގެ ފައިދާ ތިމާއަށް ދާނީ ލިބެމުންނެވެ.
މިއަދު އޮންލައިން