ރާއްޖޭގެ އަދުލްއިންޞާފުގެ އެންމެ މަތީ ބާރުކަމަށްވާ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމާ ކަންކަމަށް ގޮންޖަހައި ކަންކަން ކުރުމަކީ އޭސީސީއަށްވެސް އަދި އެނޫންވެސް ފަރާތަކަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިއަދު ވިދާޅުވީ ވިލާ ގްރޫޕުގެ ކުންފުނިތަކުން ނުވަތަ ޗެއަރމަން ޤާސިމް އިބްރާހީމް ދައުލަތަށް ދައްކަންޖެހިވަޑައިގަންނަވާ އެއްވެސް ފައިސާއެއް ނެތްކަން ސްޕްރީމް ކޯޓުގެ ޙުކުމުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށާއި ނަމަވެސް އެކަން އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިހާރު ގެންދަނީ އަޑުތައް ފަތުރަމުން ކަމަށެވެ.
ސަމީރު ވިދާޅުވީ އޭސީސީއިން ބަޔާންތައް ނެރެމުން ގެންދަނީ ރައީސް ޢަބްދުﷲ ޔާމީންގެ ނުފޫޒުން ކަމަށް ޤަބޫލުފުޅުކުރައްވަވާ ކަމަށާއި އޭސީސީ އާއި އޭސީސީގެ ރައީސް، ނުފޫޒުގައި ފިތިފައިވާ މިންވަރު ޕޯޓެލްތަކުން މިހާރު ފެންނަން ހުރި އޭސީސީގެ ރައީސްގެ ބަޔާނުން އެކަނިވެސް ރައްޔިތުންނަށް ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ. "އެބަޔާންތަކުން އޭސީސީ މިހާރު އޮތް ޙާލަތާއި ދަތުރުކުރަމުންދާ މިސްރާބު ވަރަށް ރަނގަޅަށް ހާމަވޭ.
"ޝަރުޢީ ނިޒާމުން ނިންމާފައިވާ ކަމެއްގެ މައްޗަށް ބަސް ބުނެވޭނެ އިތުރު ފަރާތެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ، ނަމަވެސް ފެންނަމުން މިދަނީ ނުފޫޒުން ކަންތަކެއް ކުރެވެމުންދާތަން."
މިފަދަ ކަންތައްތައް ކުރިއަށް ގެންދަނީ މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށްވެސް ސަމީރު ވަނީ ތުހުމަތު ކުރައްވައިފައެވެ.
"ފެންނަމުން މިދަނީ އަނިޔާވެރި ވެރިކަމެއްގެ ތެރޭގައި ނުހިނގައި ނުދާނެ ހުރިހާ ކަންކަން ހިނގަމުންދާތަން. ނަމަވެސް މިފަދަ އެއްވެސް ކަމެއްގެ ސަބަބުން ޖުމްހޫރީ ޕާޓީ އާއި ޕާޓީގެ ލީޑަރު އަދި ގުޅިފައިވާ ކޯލިޝަނުން ޤައުމުގެ ޙާލަތު ބަދަލުކުރަން ކުރަމުން މިގެންދާ މަސައްކަތްތަކަށް އެއްވެސް ފަނޑުކަމެއް ނުއަންނާނެ. ﷲ އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް. ކުރިއަށް ގޮސް ކާމިޔާބުކުރާނަން." ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރުގެ ބަޔާން (އޯޑިއޯ):