ގެއަށް ބަދަލުކޮށް ނުދެވޭނަމަ ރައީސް މައުމޫން ދޫނިދޫއަށް ބަދަލުކޮށްދެއްވުމަށް ވަކީލުން އެދިވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ
ގެއަށް ބަދަލުކޮށް ނުދެވޭނަމަ ރައީސް މައުމޫން ދޫނިދޫއަށް ބަދަލުކޮށްދެއްވުމަށް ވަކީލުން އެދިވަޑައިގެންފި
އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ދޮޅު އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ޙުކުމް ތަންފީޒު ކުރުމަށް ގޭ ބަންދަށް ބަދަލުކޮށް ނުދެވޭނަމަ ދޫނިދޫ އަށް ބަދަލު ކޮށްދެއްވުމަށް އެމަނިކުފާނުގެ ވަކީލުން ގޮވާލައްވައިފިއެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލެއް ކަމުގައިވާ މުޙައްމަދު ފައިސަލު މިއަދު ވިދާޅުވީ ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅަށް އެއްވެސް ބަދަލެއް އަދި އައިސްފައިނުވާ ކަމަށާއި އެމަނިކުފާނަށް ކުރިން ދިމާވި ކަންތައްތައް މިހާރުވެސް ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިވެ ވަޑައިގެންފާނެ ކަމަށެވެ.

" ހަތަރު ފަސް ފަހަރެއްގެ މަތިން ކުރިން ދޫނިދޫގައި ހުންނެވިއިރު ވެސް ރައީސް މައުމޫނަށް އެކަން ކުރިމަތިވެވަޑައިގެންނެވި. އެހެންކަމުން ޑޮކްޓަރުންގެ ލަފަޔާއެކު ދޫނިދޫއަށް ބަދަލުކުރީ. ވަކި ކަންތައްތަކެއް ކުރުމަށާއި ވަކި ކަސްރަތުތަކެއް ކުރަން އަދި އިސްތަށިފުޅު ގުޑުވައި ނޫޅުމަށާއި އަބަދުވެސް އެމަނިކުފާނާއެކު މީހަކު ހުރުމަށް ތަކުރާރުކޮށް ޑޮކްޓަރުން އަންގާފައިވޭ" ވަކީލު ފައިސަލު ވިދާޅުވިއެވެ.

މާފުއްޓަށް ރައީސް މައުމޫން ބަދަލުކޮށްފައިވާއިރު، ދޫނިދޫގައި އެމަނިކުފާނަށް ލިބެމުން ދިޔަ އެހީތެރިކަން ނުލިބެ ކަމަށާއި އެކަށީގެންވާ ފަރުވާވެސް މާފުށީ ޖަލުން އެމަނިކުފާނަށް ނުލިބޭނެ ކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން