ދިފާއުވުމަށް ފުރުސަތު ނުދޭނަމަ ބޭނުން ގޮތަކަށް ހުކުމް އިއްވަވާ- ފާރިސް

ކިޔުމަށް ހޭދަވާނީ 1މ 22ސ
ދިފާއުވުމަށް ފުރުސަތު ނުދޭނަމަ ބޭނުން ގޮތަކަށް ހުކުމް އިއްވަވާ- ފާރިސް
ދިފާއުވުމަށް ފުރުސަތު ނުދޭނަމަ ގާޒީ ބޭނުން ގޮތަކަށް ހުކުމް އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގެ މިއަދުގެ އަޑުއެހުމުގައި އެމްޕީ ފާރިސް މިފަދައިން ވިދާޅުވީ އެމައްސަލައިގެ ޝަރީއަތް ކުރިއަށްގެންދާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

މިމައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވެފައިވަނީ ދެން ބޭއްވޭ އަޑުއެހުމެއްގައި އޮންނާނީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި 47 މީހުންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި އެކަމާމެދު ގޮތެއް ނިންމުން ކަމަށެވެ.

ނަމަވެސް މިފަދައިން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމަށްފަހު، ވަކި ހެކިންތަކަކަށް ޗިޓު ފޮނުވަން އުޅުމުން އެގޮތަށް އަމަލު ކުރުމަކީ ފާރިސްގެ ޙައްގުތަކަށް ކަނޑައެޅިގެން އުނިކަން އަންނަ ކަމެއްކަމަށް ވިދާޅުވެ އެކަމާއިމެދު ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

މިމައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، އެންމެ އިސްކަންދޭ ހެކިންގެ ނަންތައް ފާހަގަކޮށް، ހުރިހާ ހެކިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް ފާރިސްގެ ވަކީލުން އަންގާފައި އޮތުމުން ކަމަށާއި ދިފާއޫ ހެކިންގެ ލިސްޓުގައި ގިނައީ މަޖިލިސް މެންބަރުން ކަމަށްވާތީ ހެކިން ހާޒިރުކުރަން މަސައްކަތް ކުރީ މެންބަރުންނަށް އިސްކަން ދީގެން ކަމަށެވެ.

މިމައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެކަން ގާޒީ އިބްރާހިމް އަލީ ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން