ބައްޕަ އާ މަންމަ ލޯބިން 50 އަހަރު ކުރިއަށް ދިއަ ފަދައިން ބޭބެމިނިވަންކުރަން ވެސް މަސައްކަތްކުރާނީ އެންމެން ގުޅިގެން: އާދަމް ޢާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ބައްޕަ އާ މަންމަ ލޯބިން 50 އަހަރު ކުރިއަށް ދިއަ ފަދައިން ބޭބެމިނިވަންކުރަން ވެސް މަސައްކަތްކުރާނީ އެންމެން ގުޅިގެން: އާދަމް ޢާޒިމް
"ބައްޕަ އާއި މަންމަ ގުޅުމަށްފަހު ލޯބިން 50 އަހަރު ކުރިއަށް ދިއަ ފަދައިން" ބޭބެ (ކާނަލް މުޙައްމަދު ނާޒިމް) މިނިވަންކުރަން ވެސް މަސައްކަތްކުރާނީ ޢާއިލާ އާއި އަދި ހެޔޮއެދޭ އެންމެން ގުޅިގެންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ކޮއްކޮ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢާޒިމް އިއްޔެ ޖޭޕީއާއި ގުޅިވަޑައިގަތުމަށް މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޢާޒިމް ވިދާޅުވީ އިއްޔެއަކީ ލޮބުވެތި މަންމަ އާއި ބައްޕަގެ ކައިވެނީގެ ގުޅުމަށް 50 އަހަރު ފުރުނު ދުވަސް ކަމަށެވެ. ފާއިތުވި 50 އަހަރު މަންމަ އާއި ބައްޕަ ވަނީ ހުރިހާ ކަމެއްގައިވެސް ނަމޫނާ ދައްކަވާފައިވާ ޚާއްޞަކޮށް ގުޅިގެން މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަވާފައި ކަމަށެވެ.



"މަންމަ އާއި ބައްޕަގެ 10 ދަރިން ތިބިއިރު އެ 10 ދަރިން ތަރުބިއްޔަތުކުރައްވާފައި މިވަނީ އެކުވެރިކަމާއިއެކު ގުޅިގެން ކުރިއަށް ދިއުމުގެ ޤާބިލުކަމާއިއެކު. ﷲ ވާގިފުޅާއިއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ގުޅިގެން."

"އަޅުގަނޑުމެން މިއަދު ތިއަ ލޮޮބުވެތި މަންމައަށާއި ބައްޕައަށް ޔަޤީންކަން މިއަރުވަނީ ބޭބެ، ކާނަލް ނާޒިމް މިނިވަންކުރަން ކުރެވެންހުރި ހުރިހާ މަަސައްކަތްތަކެއް ކުރާނަމޭ. އެންމެން ގުޅިގެން މަސައްކަތްކުރާނަމޭ، މާތްﷲ ވާގިފުޅާއިއެކު ލަސްތަކެއް ނުވެ ބޭބެ ވެސް އަދި އަނިޔާ ލިބެމުންދާ އެންމެންވެސް މިނިވަންވެސް ކުރާނަމޭ."

އާދަމް ޢާޒިމް ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ ޑިމޮކްރަސީގެ ހުޅުކޮޅު ރާއްޖެއަށް ގެނެސްދެއްވި ލީޑަރު ކަމަށާއި މިއަދުގެ ސަރުކާރުން މަސައްކަތް ކުރަނީ އެހުޅުކޮޅު ނިއްވާލަން ކަމަށެވެ.

ޢާޒިމް ވިދާޅުވީ މިއީ ހުރިހާ ޕާޓީތަކެއް ވެސް ގުޅިގެން އެއްބައިވަންތަކަމާއިއެކު މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ. އަދި އެންމެންވެސް ގުޅިގެން ކުރިއަށްދާންވީ ވަގުތު ކަމަށާއި މިފަދަ ވަގުތެއްގައި އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ވެސް ބުނެގެން ނުވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ މެންބަރުންނަށް ވަރަށް ގިނަ ފުރުޞަތުތަކެއް ހުޅުވާލެވިފައިވާ، އަދި ވަރަށް ހަރުދަނާ ނިޒާމުތަކެއްގެ ތެރެއިން ކުރިއަށްދާ ޕާޓީއެއް ކަމަށާއި އެހެންކަމުން ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ވީހައި ގިނަ ބައަކު ޖުމްހޫރީ ޕާޓީއާއި ގުޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން