އެމްއެންޑީއެފް އިން "ހެސަ ވާދަ – 2018" ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ވާދަވެރި ރޫޙެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ޚާއްޞަ ރަސްމިއްޔާތަކާއި އެކު އަންނަ ހުކުރު ދުވަހުގެ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެ ސިޓީ ދެކުނުފަރާތު އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިވެންޓްތައް އޮންނާނީ ކޮންމެ ރެއެއްގެ 20:00 ން 00:00 އަށެވެ. މި މުބާރާތުގެ އިވެންޓުތައް ބެލުމުގެ އިންތިޒާމް، އިވެންޓްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން މި ޗެލެންޖުގައި ފުރިހަމަ ކުރަން ޖެހޭ އިވެންޓްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ޖޯލިގެތުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.
މި މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓެއް ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމެއް ހޮވައި ވަނަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ހެސަ ވާދަ – 2018" އަކީ ސިފައިންގެއަށް މުޅިން އަލަށް ތަޢާރަފް ކުރެވޭ މުބާރާތެކެވެ.