ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
އެހޮސްޕިޓަލަށް ބޭނުން ވެގެން އިއުލާން ކޮށްފައިވަނީ ސީނިއަރ ނުވަތަ ކޮންސަލްޓަންޓް އިން ނެފްރޮލޮޖީ އަދި ސީނިއަރ ނުވަތަ ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީ ގެ ޑޮކްޓަރުންނެވެ.
ހެލްތު މިނިސްޓްރީން މިކަމާއި ގުޅޭގޮތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔާ ކަމަށާއި އެވަޒީފާއަސް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި އަދި ގާބިލު ފަރާތެއް ކަމަށެވެ.
އެއިއުލާނުގައި ބުނެފައިވަނީ ކޮންމެ ދާއިރައަކުން ވެސް ނަގަން ހަމަޖެހިފައިވަނީ އެއް ޑޮކްޓަރު ކަމަށާއި އެގޮތުން އެންމެ މަތީ ރޭންކުގެ ޑޮކްޓަރުންނަށް 54،430 ރުފިޔާ ދޭން ކަނޑައަޅާފައިވާއިރު ދުވާލެއްގެ މައްޗަށް ސަރވިސް އެލަވަންސް ގެ ގޮތުގައި 425 ރުފިޔާ ދޭނެ ކަމަށެވެ. އަދި ރޭންކުގެ އެންމެ ދަށް ޑޮކްޓަރުންނަސް 44،670 ރުފިޔާ މުސާރައިގެ ގޮތުގައި ދޭން ނިންމާފައިވާއިރު އެޑޮކްޓަރުންނަށް ވެސް ހަމަ އެއަދަދު ސާރވިސް ޗާޖުގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ.
މިވަޒީފާއަށް އެދި ހުށަހަޅަންޖހޭ ހުރިހާ ލިޔުންތައް މިމަހުގެ 28 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހެލްތު މިނިސްޓްރީއަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ.