ހުކުމަށް ފިލައިގެން އުޅޭކަމަށް ބުނެ ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ފުލުހަށް ހާޒިރުވާން އަންގައިފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ހުކުމަށް ފިލައިގެން އުޅޭކަމަށް ބުނެ ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ފުލުހަށް ހާޒިރުވާން އަންގައިފި
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދީފައިވާ ހުއްދަައިގެ މުއްދަތު ހަމަވުމުން ވެސް ރާއްޖެ ނައިސް ހުކުމަށް ފިލައިގެން އުޅޭކަމަށް ބުނެ ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ފުލުހަށް ހާޒިރުވާން އަންގާ ޗިޓު ފޮނުވައިފިއެވެ.

ފުލުހުންގެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި އެ ދެ ބޭފުޅުންނަށް ވެސް ފޮނުއްވި ޗިޓުގެ ފޮޓޯއެއް އާންމު ކޮށްފައިވާއިރު، އޭގައި އަންގާފައިވަނީ މިމަހުގެ 25 ވަނަ ދުުވަހު ފުލުހަށް ހާޒިރުވުމަށެވެ.



އެގޮތުން އެދުވަހުގެ ހެނދުނު 10:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ރައީސް ނަޝީދަށް އަންގާފައިވާއިރު ގާސިމް އިބްރާހިމް އަށް އަންގާފައިވަނީ ހަމަ އެދުވަހުގެ މެންދުރުފަހު 14:00 ގައި ހާޒިރުވުމަށެވެ.



ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރު ކޮސްގެން ގެންގުޅުނު މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވަނީ 13 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ގާސިމް އިބްރާހިމް އަށް އިއްވާފައިވަނީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށްބުނެ އެތުހުމަތުގައި ތިން އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެކެވެ.

މިދެބޭފުޅުން ވެސް މިވަގުތު ހުންނެވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ޗިޓާއިއެކު، މަގުބޫލު އުޒުރެއް ނެތި އަންގާފައިވާ ތާރީޚަށް ފުލުހަށް ހާޒިރު ނުވެއްޖެނަމަ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާއާއި 533 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ. އަދި ވަކި މައްސަލައެއްގެ ގޮތުގައި އެމައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން އަންގާފައިވެއެވެ.
މިއަދު އޮންލައިން