ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި 20 މިނިސްޓްރީ އުފައްދާނެ ކަން އިއުލާންކުރުމަށްފަހު ޖޭޕީގެ ހިޔަނި ކެބިނެޓް ވެސް އިއުލާންކޮށްފި އެވެ.
ޖޭޕީގެ ފަރާތުން މިކަން ހާމަކުރެއްވީ އެޕާޓީގެ ލީޑަރު އަދި މިވަގުތު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެވެ.
ޖުމްހޫރީ ޕާޓީގެ ހިޔަނި ކެބިނެޓް:-
ރައީސުލްޖުމްހޫރިއްޔާ: ގާސިމް އިބްރާހީމް
ނައިބް ރައީސް: ޑރ. މުހައްމަދު ޖަމީލް އަހްމަދު
ބަންޑާރަނައިބް: އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރު
ޑިފެންސް މިނިސްޓަރު: އަލީ ވަހީދު
ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒު
ފައިނޭންސް މިނިސްޓަރު: ޑރ. މަހްމޫދު ޝައުގީ
ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން
އާޓްސް އެންޑް ކަލްޗަ މިނިސްޓަރު: ޔުމްނާ މައުމޫން
ހައުސިން މިނިސްޓަރު: ޝައިހް އިމްރާން އަބްދުﷲ
ޓޫރިޒަމް މިނިސްޓްރީ: ކާނަލް މުހައްމަދު ނާޒިމް
އިކޮނޮމިކް މިނިސްޓްރީ: މުހައްމަދު ރަޝީދު
އިސްލާމިކް މިނިސްޓަރު: އަލީ ޒާހިރު
ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު: މުހައްމަދު މަލީހް ޖަމާލް
ފިޝަރީޒް މިނިސްޓަރު: ޑރ. ހުސައިން ރަޝީދު
ހެލްތް މިނިސްޓަރު: ޑރ. ޝާހް މާހިރު
އެޑިޔުކޭޝަން މިނިސްޓަރު: ޑރ. އަހްމަދު ފަޔާޒު
ލޭބަރ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން
ޓްރާންސްޕޯޓް މިނިސްޓަރު: އަމީން އިބްރާހީމް
ޖެންޑަ މިނިސްޓަރު: ޝިދާތާ ޝަރީފް
ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް
އެޑިޔުކޭޝަން މިނިސްޓަރު: ޑރ. އަހްމަދު އާސިމް
ހަޔަ އެޑިޔުކޭޝަން މިނިސްޓަރު: ޑރ. އަހްމަދު ރިޔާޒު
ޖޭޕީ ސަރުކާރުގެ ހިޔަނި ކެބިނެޓް އިއުލާންކުރެއްވުމަށް ފޭސްބުކް ލައިވް މެދުވެރިކޮށް ގާސިމް އިބްރާހީމް ދެއްވި ބަޔާނުގައި ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި 20 މިނިސްޓްރީ އުފައްދަވާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އަދި މަޖިލީހުގެ ނައިބް ރައީސް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސާނެ ކަމުގައިވެސް ގާސިމް ދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖޭޕީ ސަރުކާރުގެ ހިޔަނި ކެބިނެޓް އިއުލާންކުރެއްވީ ގުޅިފައިވާ ޕާޓީ ތަކުން ނެރޭ އެއް ކެންޑިޑޭޓް އަދިވެސް ކަނޑައެޅިފައި ނުވާތީ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އެންމެންނަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެވޭނަމަ ޖުމްހޫރީ ޕާޓީން އެ ކެންޑިޑޭޓަކާ އެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ގާސިމް އިބްރާހީމް މިއަދުވެސް ވަނީ ދެއްވާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު މިއަދު އިއުލާންކުރެއްވި ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންނާ އެކު އެކުލަވާލާފައިވާ ކެބިނެޓެއް ކަމަށެވެ. ފަހަރުގައި މަގާމަކަށް ވަޑައިގަތުމަށް އިއުތިރާޒު ކުރައްވާ ބޭފުޅަކު ހިޔަނި ކެބިނެޓް ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ މައްޗަށް ނުހައްގުން ނަމަވެސް ހުކުމެއް އިއްވާފައިވާތީ ކުރިއަށް އޮތް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތި ނުލައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ މަގާމަށް މިހާތަނަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާ ކަަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށް މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް ސިޓީއަކުން ދެންނެވިފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުދާތީވެ އެމަނިކުފާނުގެ އެތައް ހައްގެއް ގެއްލިގެންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ކަނޑައަޅައި ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅިތާ އެތައް ދުވަހެއްވީ އިރުވެސް ކުރިއަށް ނުދާތީ އެކަމުގައި ގާސިމް އިބްރާހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ހަބަރު: ވީނިއުސް