މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން އެންމެ ބޮޑަށް ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން ކަމަށާއި އެކަމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތްޕުޅުތަކެއް ކުރައްވަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދުވެސް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ފޭސް ބުކް މެދިވެރިކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ޚޯޓުން ހުކުމެއް ކޮށްފައިވީނަމަވެސް އަދިވެސް އެމަނިކުފާނަކީ މާމިގިލި ދާއިރާގެ މެންބަރު ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން ގެންދާ ގޮތުން ޕާޓީގެ ލީޑަރު ކަމުގައި ހުންނެވެން ނެތްއިރު ދެ މަޤާމަކީވެސް ހަމަ ދިވެހި ރައްޔިތުން އިންތިޚާބުކޮށްފައިވާ ދެ މަޤާމު ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މަޖުބޫރުވެވަޑައިގަންނަވާތީ ޕާޓީގެ ލީޑަރުކަމާއި މިވަގުތު ދުރަށްޖެހިވަޑައިގެންނެވި ނަމަވެސް އަބަދުވެސް ދެމިހުންނަވާނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް އަދި ޖުމްހޫރީ ޕާޓީއަށް ޚިދުމަތްކުރެއްވުންމަތީގައި ކަމަށެވެ.
"2008 ވަނަ އަހަރު އަޅުގަނޑު އެދިގެން ކަނައަތަށް ވޯޓު ދެއްވައިފީމު. 2013 ވަނަ އަހަރު ވައަތަށް ވޯޓުދެއްވައިފީމު. ދެން މިފަހަރު ކީއްތޯ ވާނީ މެދަށް ވޯޓު ދެއްވުން.." ކަމަށް ވިދާޅުވެ މިފަހަރަކީ ޖުމްހޫރީ ޕާޓީގެ ފަަހަރު ކަމަށް ހަދައިދިނުމަށް ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.