ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
އެގޮތުން އެމްޕީ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލި ކަމަށް ބުނެ ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށް ތާވަލު ކޮށްފައިވާއިރު ޓެރަރިޒަމްގެ ޢަމަލެއް ހިންގިކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް މެންދުރު 13:00 އަށް ތާވަލު ކޮށްފައިވެއެވެ.
އެމްޕީ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލިކަމަށް ބުނެ ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އެދުވަހުގެ ޝަރީޢަތް ކުރިއަށް ދިޔަ ގޮތާއިމެދު ކަންބޮޑުވެ ވަޑައިގެން ގާޒީ އަރިހުން ފާރިސް އެދިފައިވަނީ، ދިފާއުވުމަށް ފުރުސަތު ނުދޭނަމަ ގާޒީ އެދިލައްވާ ގޮތަކަށް ހުކުމް އިއްވެވުމަށެވެ.