ޖޭޕީ އިން ހިޔަނި ކެބިނެޓެއް އިއުލާނުކުރުމަކީ ކޯލިޝަނުގެ ގުޅުމަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޖޭޕީ އިން ހިޔަނި ކެބިނެޓެއް އިއުލާނުކުރުމަކީ ކޯލިޝަނުގެ ގުޅުމަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން: ސަމީރު
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހިޔަނި ކެބިނެޓެއް އިއުލާނުކުރުމަކީ ކޯލިޝަނުގެ ގުޅުމަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިރޭ ވިދާޅުވީ ޖޭޕީގެ ހިޔަނި ކެބިނެޓް އިއުލާނުކުރައްވަމުންވެސް ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ ކޯލިޝަނުގައި މަޝްވަރާކޮށްގެން ބަދަލުކުރުމުގެ ފުރުޞަތު އޮތް ކަމެއް ކަމަކަށްވުމުން އެކަމުގެ ސަބަބުން ކޯލިޝަނުގެ ގުޅުމަށް އެއްވެސް އަސަރެއް ކުރަން ނުޖެހޭނެ ކަމަށެވެ.

ސަމީރު ވިދާޅުވީ އެހެން ޕާޓީތަކުންވެސް ގެންދަނީ އެޕާޓީއެއްގެ ވިސްނުމުގައި ކަންކަން އިއުލާނުކުރަމުން ކަމަށެވެ. އެގޮތުން އެމްޑީޕީން ވެސް ގެންދަނީ ތަފާތު ކަންކަން އިއުލާނުކުރަމުން ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްވެސް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތް ހިންގާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށްވެސް ވަނީ އިއުލާނުކޮށްފައި ކަމަށެވެ.

ސަމީރު ވިދާޅުވީ އެމްޑީޕީން މިކަންކަން އިއުލާނުކޮށްފައިވަނީ ވެސް ކޯލިޝަނުގައި އޮވެގެން ކަމަށާއި އެކަމުގެ ސަބަބުން ވެސް ކޯލިޝަނުގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ވަކިވަކި ކެންޑިޑޭޓުން ކުރިމަތިލި ނަމަވެސް އެންމެ ފަހުވަގުތު އެއްކެންޑިޑޭޓަކަށް ވޯޓުލާން ހަމަޖައްސައި އެއްކެންޑިޑޭޓަކަށް ވޯޓުލާން ނިންމިދާނެ ކަމަށެވެ. "ހުރިހާ ޕާޓީއަކުން ކުރިމަތިލާ ކެންޑިޑޭޓް ކުރިން އިއުލާނުކޮށްފިނަމަ ކޮންމެވެސް އިލްޒާމްތަކެއް ބޮލުގައި އަޅުވައި ހައްޔަރުކޮށް ޙުކުމެއް އިއްވުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް. ވީމާ އެހާލަތުން ސަލާމަތްވެވޭނެ ގޮތަކަށް ވަރަށް ވިސްނުންތެރިކަމާއިއެކު ކަންކަން ކުރަންޖެހޭނީ."

ސަމީރު ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވެގެން ތިބީ ކޮންމެ ގޮތަކުން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަން ކަމަށާއި އިދިކޮޅު ފަރާތްތަކުން ކޮންމެ ކެންޑިޑޭޓަކު ދެއްކި ނަމަވެސް ރައްޔިތުން އެ ކެންޑިޑޭޓަކު ބަލައިގަންނާނެ ކަމަށެވެ.
މިއަދު އޮންލައިން