ޖޭޕީގެ އިންތިޚާބީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުމުން ޕާޓީގެ ލީޑަރު ކަމުގެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށާއި ނަމަވެސް 30 މަޤާމަށް ހުޅުވައިލި ފުރުޞަތުގައި 62 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި ޖޭޕީގެ ލީޑަރަކީ ޕާޓީ އުފެދުނީންސުރެ ޕާޓީގެ ލީޑަރުކަމުގައި ހުންނެވި ޤާސިމް އިބްރާހީމް ނަމަވެސް ޤާނޫނު އަސާސީ އާއި ޚިލާފަށް "މިއަނިޔާވެރި" ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކުގެ ސަބަބުން އެމަނިކުފާނަށް މިފަހަރު ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލެއްވެން ނެތީ ކަމަށެވެ. އަދި މިފަދަ ހުރިހާ ކަންކަން ކުރަމުން މިގެންދަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ހަމައެކަނި ރައީސް ޢަބްދުﷲ ޔާމީން ގިނިކަންޏާ ކުރިމަތިލެއްވެވުމުގެ ނިޔަތުގައި ކަމަށެވެ.
"ޖޭޕީގެ މެންބަރުން ކަންކަން ކުރާނީ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އިރާދަކުރެއްވިއްޔާ ޖޭޕީގެ ލީޑަރަކަށް އަދިވެސް ހުންނަވާނީ އޮނަރަބްލް ޤާސިމް އިބްރާހީމް ކަމަށް އަޅުގަނޑު ދެކެނީ."
"ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅަކު ކަނޑައެޅުމަށް މިރޭ ނުވަތަ މާދަން ހެނދުނު ގުރުވަތުލުމެއް ކުރިއަށް ގެންދެވޭނެ. އެއަށްފަހު ނަން ދަންނަވާނަން. 4 ނައިބް ލީޑަރުންގެ މަޤާމަށް 6 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ. ނައިބް ރައީސް ކަމުގެ މަޤާމަށް 1 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ. އިންތިޚާބުކުރަންޖެހޭ 15 މަޤާމަކަށް 37 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ. އަންހެނުންގެ ލީގުގެ ރައީސް ކަމަށް 2 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ. ޔޫތް ލީގުގެ ރައީސް ކަމުގެ މަޤާމަށް 3 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ. އަދި މިނޫން މަޤާމުތަކަށް ވެސް ގިނަ ބޭފުޅުންތަކެއް ވަނީ ކުރިމަތިލައްވާފަ. އަޅުގަނޑު ދެކެނީ ޖޭޕީގެ މަޤާމުތަކަށް ގިނަ ބައެއްގެ ޝައުޤުވެރިކަން އެބަހުރިކަމަށް."
ސަމީރު ވިދާޅުވީ ކޮންގްރެސް ފެށޭނީ ހުކުރު ދުވަހު މެންދުރުފަހުން ކަމަށާއި ނިންމައިލެވޭނީ ހުކުރު ދުވަހުގެރޭ ވަރަށް ދަންވަރު ނުވަތަ ފަތިސްވުމާއި ކައިރިވެފައިވަނިކޮށް ކަމަށެވެ. ހުކުރު ދުވަހުގެ ރޭ ކޮންގްރެސް ނިންމައިލުމަށްފަހު ކޮމިޓީ ބައްދަލުވުންތައް ހޮނިހިރު ދުވަހު ކުރިއަށް ގެންދާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ކޮންގްރެސްގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ލީޑަރު ޤާސިމް އިބްރާހީމްގެ ވަރަށް ބޮޑު އެހީތެރިކަމަކާއި ލަފާފުޅު ލިބިގެން ކަމަށެވެ. އަދި ކޮންގްރެސްގެ ކަންތައްތަކަށް ޕެރެޑައިޒް އައިލަންޑް ރިޒޯޓުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. ކޮންގްރެސް ބޭއްވުމުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި އެމަސައްކަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ސަމީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ސަމީރުގެ ވާހަކަފުޅު (އޯޑިއޯ):