ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ މެއި މަހު ވެސް ދަށަށް ގޮސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިއްޔެ އެމިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޖުމްލަ ގޮތެއްގައި އައިސްފައިވަނީ 92،913 މީހުންނެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާ ބަލާއިރު 0.6 އިންސައްތަ ދަށްވުމެކެވެ.
ރާއްޖެއަށް މިދިޔަ މަހު އައި ފަތުރުވެރިންގެ ޤައުމުތަކަށް ބަލާއިރު އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ މީހުންނެވެ. ނަމަވެސް އެޤައުމުން ވެސް ރާއްޖެއަށް އައިސްފައިވަނީ 16،927 ފަތުރުވެރިން ކަމަށާއި އެއީ ޗައިނާއިން މިދިޔައަހަރު އެމަހުގައި އައި ފަތުރުވެރިންނަށް ބަލާއިރު 27 އިންސައްތަ ދަށްވުމެއްކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން އެހިސާބުތަކުން ދައްކާ ގޮތުގައި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުން އައި ފަތުރުވެރިންގެ އަދަދު ވަނީ 8.8 އިންސައްތަ ދައްވެފައެވެ. އެސަރަޙައްދުން އައިސްފައިވަނީ 45،291 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރާއި އަޅައިބަލާއިރު ޔޫރަޕުން މިދިޔަ މެއި މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.