ސިޔާސީ ބޭފުޅުން މިނިވަންކޮށް މަޝްވަރާތައް އަލުން ފެށުމަށް އީޔޫއިން އަނެއްކާވެސް ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސިޔާސީ ބޭފުޅުން މިނިވަންކޮށް މަޝްވަރާތައް އަލުން ފެށުމަށް އީޔޫއިން އަނެއްކާވެސް ގޮވާލައިފި
ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކޮށް އިދިކޮޅު ލީޑަރުންނާއެކު މަޝްވަރާތައް ފެށުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އަނެއްކާ ވެސް ގޮވާލައިފި އެވެ.

އީޔޫ އިން މިކަމަށް ގޮވާލާފައިވަނީ ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 38 ވަނަ އާންމު ބައްދަލުވުމުގަ އެވެ.

މިބައްދަލުވުމުގައި އީޔޫ އިން އިއްވި ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރަސީގެ އަސާސް ތަކަށާއި އަސާސީ ހައްގުތަކަށް ރާއްޖޭގައި ގޮންޖެހުންތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އެއީ އީޔޫ އިން ކަންބޮޑުވާ ކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އީޔޫގެ ބަޔާނުގައި ވަނީ އިދިކޮޅު ލީޑަރުންނާއި މަޝްވަރާކޮށްގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

އީޔޫގެ "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" އިން މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ނެރުނު ބަޔާނުގައި ވެސް ވަނީ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ރާއްޖޭގައި މިއަހަރު ރިޔާސީ އިންތިހާބު ބޭއްވޭނީ މިހާރު ރާއްޖޭގައި މިއޮތް ހާލަތު ބަދަލުކޮށްގެން ކަމަށް ބުނެފަ އެވެ.

މިބަޔާނުގައި ވަނީ ރާއްޖޭގައި މިހާރު މިއޮތް ހާލަތަށް ބަލާއިރު ސިޔާސީ މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައި ކަމަށާއި މިނިވަން ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް ނެތްއިރު ރާއްޖޭގެ ހާލަތު މީޑިއާތަކުން ރަނގަޅަށް ކަވަރު ކުރުމުގެ ފުރުސަތުވެސް ނެތް ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖެއަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރުވެސް އީޔޫ އިން މީގެކުރިން ވަނީ ދީފަ އެވެ.

----ވީނިޔުސް
މިއަދު އޮންލައިން