ސަރުކާރުން އިސްނަގައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން، ފެނަކައިން ހަދާ 15 ބުރީގެ ޓަވަރު އިމާރާތް ކޮށްދޭނެ ބަޔަކު އަދިވެސް ނުވެގެން ތިންވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ޓަވަރުގެ ދެ ކޮޓަރި އާއި އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ބިޑު ހުށަހެޅުމަށެވެ.
ފެނަކައިގެ 15 ބުރީގެ ޓަވަރު އިމާރާތް ކުރުމަށް 12،000 އަކަފޫޓޫގެ ބިމެއް ކަނޑައަޅާފައިވާއިރު، އެތަނުގައި 168 ފްލެޓު ހުންނާނެ ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.