ހދ. ކުޅުދުއްފުށި ގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒު މަސައްކަތް ކުރާ ދެ ޓީޗަރެއްގެ ބަދުއަޚްލާގީ ވީޑިއޯތަކެއް އާންމުވެ، އެތަނުން ބިދޭސީ ޓީޗަރު އެރަށުން ފޮނުވާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެރަށުން ފޮނުވާލާފައި ވަނީ މިސްރަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެސްކޫލްގައި އަރަބި ކިޔަވައިދިން ޓީޗަރެކެވެ. އަންހެން ޓީޗަރަކީ އެސްކޫލްގެ ކީ-ސްޓޭޖްއަށް ކިޔަވައިދެމުންދާ ޒުވާން ޓީޗަރެކެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ މިވީޑިއޯއާއި މެދު މައުލޫމާތު ދެމުން އެރަށުގެ ބައެއް ރައްޔިތުން ބުނެފައިވަނީ، އަންހެން ޓީޗަރަކީ ކައިވެންޏެއް ކޮށްގެން އުޅޭ ޓީޗަރެއް ކަމަށާއި ބަދު އަޚްލަގީ އަމަލު ހިންގާފައިވާކަމަށް ބެލެވެނީ ބިދޭސީ ޓީޗަރުގެ ގޭގައި ކަމަށެވެ.
ނަންހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" މައުލޫމާތު ދިން ގޮތުގައި، ފެންމަތިވެފައިވާ ވީޑިއޯއަކީ ބަޔަކު ސިއްރުން ނެގި ވީޑިއޯ އެއް ކަމަށާއި އަންހެން މީހާގެ ޖީބަށް ފިރިހެން މީހާ ފައިސާތަކެއް ވެސް ލާތަން ފެންނާތީ އެއީ ފައިސާއަށް ކުރި އަމަލެއްކަމަށް ބެލެވޭ ކަމަށެވެ.
މިމައްސަލައިގައި ރަށުން ފޮނުވާލި ބިދޭސީ މީހާ، ރާއްޖެއިން ވެސް ފޮނުވާލިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އެމީހާއަކީ މިހުސްވި ބަރަކާތްތެރި ރަމަޟާން މަހު، އެރަށު ހުކުރު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދުވެސް ކުރި މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ކުޅުދުއްފުށި ކައުންސިލްގެ އިދާރާއާއި ސްކޫލުން ވެސް އަދި ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.