ފިފާ ވަރލްޑް ކަޕްގެ ގްރޫޕް އީގައި މިއަދު ކުޅުނު މެޗު ބްރެޒިލް އާއި ކޮސްޓަރިކާ ބައްދަލުކުރި މެޗުގެ ފަހުވަގުތު ކޮޓީނިއޯ ޖަހައިދިން ލަނޑުން ދިވެހިންނާއި ބްރެޒިލްއަށް އުފާވެރިކަން ގެނުވައިފިއެވެ.
މި މެޗުގައި ކޮޓީނިއޯ ލަނޑު ޖަހާފައިވަނީ 90 ވަނަ މިނެޓުގައެވެ. އަދި ނޭމާ ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިބެޓުގެވެސް ފަހުވަގުތުއެވެ.
މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ ބްރެޒިލްއަށް ލަނޑުޖަހާނެ އެތައް ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ.
މީގެތެރެއިންވެސް ނޭމާއަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. އަދި ގިނަ ހަމަލާތައް ކޮސްޓަރިކާގެ ކީޕަރު ދިފާޢުކޮށްފައިވާއިރު، ބައެއް ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މި މެޗުގެ 78 ވަނަ މިނެޓުގައި ކޮސްޓަރިކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ނޭމާއަށް ފައުލްކުރީކަމަށް ނިންމާ، ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. އެހެންނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ވަނީ ނިންމާފައެވެ.
މި ނަތީޖާއާއެކު ބްރެޒިލް ދެމެޗު ކުޅެގެން ވަނީ 4 ޕޮއިންޓެވެ. ކޮސްޓަރިކާއަށް ޕޮއިންޓެއް ނުލިބޭ އިރު، މި ގްރޫޕުގައި ދެން ހިމެނޭ ސަރބިއާއަށް 3 ޕޮއިންޓު އަދި ސްވިޓްޒަރލޭންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ފިފާ ވަރލްޑް ކަޕްގައި ގްރޫޕް ޑީގެ އައިސްލޭންޑް އާއި ނައިޖީރިއާ މިރޭ 8 ޖަހާއިރު، 11 ޖަހާއިރު ވާދަކުރާނީ ގްރޫޕް އީގެ ސަރބިއާ އާއި ސްވިޓްޒަރލޭންޑެވެ.