ޖޭޕީގެ ލީޑަރު ޤާސިމް ވަކި ގޮތެއް ނިންމަވަންދެން ޕާޓީގެ ލީޑަރުގެ މަޤާމު ހުސްކޮށް ބާއްވަން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޖޭޕީގެ ލީޑަރު ޤާސިމް ވަކި ގޮތެއް ނިންމަވަންދެން ޕާޓީގެ ލީޑަރުގެ މަޤާމު ހުސްކޮށް ބާއްވަން ފާސްކޮށްފި
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވަކި ގޮތެއް ނިންމަވަންދެން ޕާޓީގެ ލީޑަރުގެ މަޤާމު ހުސްކޮށް ބާއްވަން މަންދޫބަކު ކުއްލި ހުށަހެޅުމެއް ހުށަހެޅުމުން އެ ހުށަހެޅުން ފާސްކޮށްފިއެވެ.

ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި މިހާރު ކުރިއަށް ގެންދާ ޕާޓީގެ 3 ވަނަ ގްރެސްގެ މިރޭގެ ފުރަތަމަ ދަންފަޅީގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވި މަންދޫބު ވިދާޅުވީ މިފަދަ ހުށަހެޅުމެއް ހުށަހެޅުއްވީ ޕާޓީ އުފެދުނީންސުރެ ޕާޓީގެ ލީޑަރުކަމުގެ މަޤާމުގައި ހުންނަވައި ޤާސިމް އިބްރާހީމް ޕާޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ޕާޓީގެ ލީޑަރުގެ މަޤާމާއިބެހޭ ގޮތުން ޤާސިމް އިބްރާހީމް މިހައިތަނަށް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މެންބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ލީޑަރުގެ މަޤާމުގައި ޤާސިމް އިބްރާހީމް އަށް ނުހުންނެވޭ ގޮތަށް ސަރުކާރުން ފާސްކޮށްފައިވާ ޤަވާއިދުގެ ސަބަބުން މަޤާމަށް ކުރިމަތިލެއްވުމުގައި ހުރަސްތަކެއް ހުރުމެވެ.

ރޭގަނޑު ދަންވަރު ކްރިމިނަލް ކޯޓުން އިއްވި ބަޔާނާއި ގުޅިގެން އެއީ ޖަލު ޙުކުމެއް ކަމަށް ސަރުކާރުން ބެލި ނަމަވެސް އެހުކުމާއި ގުޅިގެން ޤާސިމް އިބްރާހީމްގެ މަޖިލީސް މެންބަރުކަން އަދިވެސް ގެއްލިފައި ނުވާއިރު ޕާޓީގެ ލީޑަރުކަން ގެއްލެންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ޤާނޫނީ ފަރާތްތަކުން ގެންދަނީ ފާހަގަކުރަމުންނެވެ.

މަޖިލީހުގެ މެންބަރުކަން ގެއްލިވަޑައިގަންނަވާނީ ޝަރުޢީ 3 މަރުހަލާ ފުރިހަމަކުރެވި ސްޕްރީމް ކޯޓުން އެކަމަށް ގޮތެއް ނިންމުމުންނެވެ. ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްކުރުމުގެ މައްސަލައަށް އަހަރުވެގެންދާއިރުވެސް އަދިވެސް ޝަރީއަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ޕާޓީގެ އަސަސީ ޤަވާއިދަށް މެންބަރުން ހުށަހަޅާފައިވާ އިސްލާޙްތައްވެސް ވަނީ މި ސެޝަނުގައި ފާސްކޮށްފައެވެ. ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެވެ.
މިއަދު އޮންލައިން