ޖުމްހޫރީ ޕާޓީ (ޖޭޕީ) އަބަދުވެސް މަސައްކަތްކުރީ އަދި ކުރިއަށް އޮތް ތަނުގައި ކުރާނީ ވެސް ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަމަށް ޖޭޕީގެ ޕީޖީ ގްރޫޕުގެ މެންބަރު، ކެޔޮދޫ ދާއިރާގެ މެންބަރު އައްޝައިޚް މޫސާ ނިޒާރު ވިދާޅުވެއްޖެއެވެ.
ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އެ ޕާޓީގެ ނަމާއި އެއްގޮތަށް އަބަދުވެސް ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއްވެސް ދީލައިލައިގެން ކުރަމުން ގެންދާ ޕާޓީއެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ޖޭޕީ ކުރިއަށް ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ އަބަދުވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ. ވެރިކަމުގެ ނިޒާމު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރައްވަން އެންމެ ބޮޑު ޤްރްބާނީއެއް ވެވަޑައިގެންނެވީ ވެސް ޤާސިމް އިބްރާހީމް ކަމަށެވެ. އަދި ފެހި ޤާނޫނު އަސާސީއަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް ރައްޔިތުން ބޭނުންވެގެން ތިބި ފަދަ ޤާނޫނު އަސާސީއެއްވެސް ގެނެވުނީ އެކަމަށް ޤާސިމް އިބްރާހީމް ކުރެއްވެވި މަސައްކަތްޕުޅުތަކުން އެމަނިކުފާނުގެ ރިޔާސަތުގައި ކަމަށެވެ.
"އަދި ކޮބައިތޯ ރާއްޖެއަށް ޕާޓީ ނިޒާމް ތަޢާރަފްކުރުން. ޤާސިމް އިބްރާހީމްގެ އަމިއްލަފުޅު ގެކޮޅު، މ. ކުނޫޒު ނޫންތޯ އެމްޑީޕީގެ ފުރަތަމަ އިދާރާއަކީ؟ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ އެމަނިކުފާނު ނޫންތޯ؟"
ޖުމްހޫރީ ޕާޓީ އަދިވެސް ކުރިއަށް ދާނީ ލީޑަރު ޤާސިމް އިބްރާހީމްގެ ޤައުމީ، ވަޠަނީ ވިސްނުންފުޅުގައި ކަމަށްވެސް ޝައިޚް މޫސާ ނިޒާރު ވިދާޅުވިއެވެ.