ޖޭޕީގެ ލީޑަރު ނެތް ހާލަތުގަ ލީޑަރުގެ މަސްއޫލިއްޔަތާ ޒިންމާތައް ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރަކު އުފުލާގޮތަށް ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޖޭޕީގެ ލީޑަރު ނެތް ހާލަތުގަ ލީޑަރުގެ މަސްއޫލިއްޔަތާ ޒިންމާތައް ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރަކު އުފުލާގޮތަށް ފާސްކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ލީޑަރުގެ މަސްއޫލިއްޔަތާއި ޒިންމާތައް އުފުލާނީ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރަކު ކަމަށް ފާސްކޮށްފިއެވެ.

މިރޭ ކުރިއަށް ގެންދިއަ ޕާޓީގެ ޤައުމީ ކޮންގްރެސއަށް މި އިޞްލާޙް ހުށަހެޅުއްވި ޙަނީފް ވިދާޅުވީ މި އިޞްލާޙު ހުށަހެޅުއްވީ ޕާޓީގެ އަސާސީ ޤަވާއިދު މިހާރު އޮތްގޮތުން ނައިބު ލީޑަރުންނަކީ ލީޑަރު އަންގަވާ ގޮތަށް ކަންތައް ކުރަންޖެހޭ ބައަކަށްވާތީ ލީޑަރަކު ނެތި ލީޑަރުގެ މަޤާމަށް ހުސްކަމެއް އަތުވެއްޖެނަމަ ޕާޓީގެ ސިޔާސީ މަސައްކަތްތަކަށް ހުސްކަމެއް އަތުވެދާނެތީ ކަމަށެވެ.

އަސާސީ ގަވައިދަށް ގެނައި އިތުރު އިސްލާހުގެ ތެރޭގައި ޖުމްހޫރީ ޕާޓީއަށް އަލަށް އުފެއްދި މަގާމެއް ކަމަށްވާ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާކުރައްވާނެ ޒިންމާއެއް ކަމަށް ފާސްކޮށްފައިވަނީ ޕާޓީގެ އިދާރީ ހިންގުމެވެ. ރައީސްގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާކުރަން އުޒުރުވެރިވެއްޖެނަމަ ވަގުތީ ގޮތުން މަޤާމާ ހަވާލުވާނީ ނައިބު ރައީސްކަމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ ލީޑަރު ނެތް ހާލަތެއްގައި ޕާޓީގެ ރައީސްކަމަށް ވެސް ވަނީ ޤަވާއިދުގައި އިސްލާހުކޮށްފަ އެވެ. ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަނީ ކައުންސިލުން ހޮވާ ނައިބު ލީޑަރު ނުވަތަ އެހެން ނައިބު ލީޑަރެކެވެ.

ޚާއްޞަ ޙާލަތެއް ކުރިމަތިވެ ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރު ނުވެވޭނެ މަގުބޫލް އުޒުރެއްވާނަމަ ކައުންސިލުގެ ހުއްދަލިބިގެން މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބައްދަލުވުންތަކުގައި ބައިވެރިވެ އަތް ނަގައިގެން ވޯޓު ދެވޭނެ ކަމަށާއި ނަމަވެސް ބައްދަލުވުމުގެ ކޯރަމް ހަމަކުރާ މީހެއްގެ ގޮތުގައި އެމީހަކު ނުހިމެނޭނެ ކަމަށާއި އެމީހަކަށް ޕާޓީގެ ރިޔާސަތު ބަލަހައްޓަން ހުއްދަދީގެން ނުވާނެކަމަށް ވެސް ވަނީ އިސްލާހެއް ފާސްކޮށްފައެވެ.



މިއަދު އޮންލައިން