ކުރިއަށް އޮތް އަހަރު އިންޑިއާ އިން އަސާސީ ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓްކުރާ ކޯޓާ ކުޑަކޮށްފި އެވެ.
ހަނޑޫ ވަނީ 67640 ޓަނުން 24581 ޓަނަށަ މަދުކޮށްފައެވެ. ފުށް ވަނީ 59442 ޓަނުން 946 ޓަނަށް މަދުކޮށްފައެވެ. ހަކުރު ވަނީ 11706 ޓަނުން 228 ޓަނަށް މަދުކޮށްފައެވެ.
އަލުވި ވަނީ 11714 ޓަނުން 5308 ޓަނަށް މަދުކޮށްފައެވެ. ފިޔާ ވަނީ 19466 ޓަނުން 9892 ޓަނަށް މަދުކޮށްފައެވެ. ހަވާދުގެ ބާވަތްތައް ވަނީ 122 ޓަނުން 31 ޓަނަށް މަދުކޮށްފައެވެ. ކުކުޅުބިސް ވަނީ 232805000 ބިހުން 111809090 އަށް މަދުކޮށްފައެވެ.
މބަދަލަށް ބަލާއިރު އެންމެ ބޮޑަށް ކޯޓާ ކުޑަކޮށްފައިވާ ފުށާއި ހަކުރު އިންޑިއާއިން ގެނައުން ހުއްޓައިލިތާ މިހާރު 2،3 އަހަރުވެފައިވާއިރު މިހާރު ރާއްޖެ އަށް ހަކުރު އެތެރެ ކުރަނީ ދުބާއީންނެވެ. ފުށް އެތެރެ ކުރަނީ ތުރުކީން ނެވެ. ހަނޑޫ އެތެރެކުރަނީ އިންޑިއާގެ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
އެހެންކަމުން އިންޑިއާއިން ކޯޓާ ކުޑަކުރި ނަމަވެސް އެކަމުގެ އަސަރު ރާއްޖެއަށް މާބޮޑަކަށް ނުކުރާނެއެވެ. ނަމަވެސް އަލުވި، ފިޔާ، ބިސް އަދި ހަވާދުގެ ބާވަތްތަކުގެ ކޯޓާ ކުޑަކުރުމަކީ ބާޒާރުގައި އެތަކެތީގެ އަގުތައް އުފުލިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
މިބާވަތްތައް ތަފާތު ސަބަބުތަކާއިހުރެ އިންޑިއާ އިން ނުލިބުމުން މީގެކުރިން ވެސް ވަނީ ސްރީ ލަންކާ އަދި ޕާކިސްތާނު ފަދަ ޤައުމުތަކުން އެތެރެކުރަންޖެހިފައެވެ. ސްރީލަންކާގެ އަމިއްލަ އުފެއްދުންތައް މަދުވެފައި އަގުބޮޑުކަމުން ރާއްޖެއަށް އެކްސްޕޯޓްކުރަނީ އިންޑިއާއިން އެޤައުމަށް އެތެރކޮށްފައި ހުންނަ ތަކެއްޗެވެ. ސްރީލަންކާ އާއި ޕާކިސްތާނުން އެތެރުކުރާއިރު މުދަލުގެ އަގު ބޮޑުވެގެންދާ އެންމެ ބޮޑު ސަބަބަކީ ފްރެއިޓް ބޮޑުވުމެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ ދަ ވަޔަރގައި ބުނެފައިވަނީ އިންޑިއާ އިން މިބަދަލުގެނައީ ރާއްޖެއިން މިދިއަ 3 އަހަރު އެ ބާވަތްތައް ބޭނުންކުރި މިންވަރަށް ބަލައި ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާ އަދަދަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
އެނޫހުގައި ބުނެފައިވަނީ މިދިއަ ބުރާސްފަތި ދުވަހު އިއުލާނުކުރި ކޯޓާއަށް އަމަލުކުރާނީ އަންނަ އަހަރުގެ އެޕރިލް މަހުން ފެށިގެން ކަމަށާއި ކުރިން ދޫކޮށްފައިވާ ކޯޓާއާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރުގެ އެޕްރިލް މަހާއި ހަމައަށް މި ބަދަލުގެ އެއްވެސް އަސަރެއް ރާއްޖެއަކަށް ނުކުރާނެއިރު އެއިގެކުރިން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެހޭނެއެވެ.