ރާއްޖޭގެ މިހާރުގެ ޙާލަތު 7 ފެބްރުއަރީގެ ޙާލަތާއި އެއްވެސް ތަފާތެއް ނެތް ކަމަށާއި ބޭނުންފުޅުވަނީ މިއަދުގެ މިހާލަތުން ޤައުމު ސަލާމަތްކުރައްވަން ކަމަށް ކުރީގެ ޑީސީޕީ، ސްޓޭޓް މިނިސްޓަރު، ޖޭޕީގެ ނައިބް ލީޑަރު މުޙައްމަދު ފަޔާޟް (އެފްއޭ) ވިދާޅުވެއްޖެއެވެ.
ޖޭޕީ ޤައުމީ ކޮންގްރެސްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަޔާޟް ވިދާޅުވީ 7 ފެބްރުއަރީގައި ޖުމްހޫރީ މައިދާނަށް ވަޑައިގަތީ 2 ހުވާ ކުރައްވައިގެން ހުންނެވުމުން ކަމަށެވެ. "އަޅުގަނޑަކީ ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރި މީހެއް. އަޅުގަނޑު ހުރީ 2 ހުވާކޮށްގެން. އެއީ ސިފައިންގެ ހުވައާ ފުލުހުންގެ ހުވާ. އެއިރު އަޅުގަނޑަކީ ސްޓޭޓް މިނިސްޓަރެއް ނަމަވެސް އެހާލަތަށް ގޮސް ފުލުހުންނާއި ސިފައިންގެ މެދުގައި ތަޅާފޮޅުން އުފެދުނީމާ ހައްލުކުރަން ޤައުމަށްޓަކައި ނުކުތުމަކީ ކޮންމެ މަޤާމެއްގައި ހުރިނަމަވެސް އަޅުގަނޑު އަދާކުރަންޖެހޭ ވާޖިބެއް."
ފަޔާޟް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރެއްވީ ޤައުމަށްޓަކައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެދިވަޑައިގަތުމަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުން މިހާރު ވަނީ ޖަލުގައި ކަމަށާއި އެހެންކަމުން ޤައުމުގެ ހާލަތު 7 ފެބްރުއަރީގެ ހާލަތާއި އެއްވެސް ތަފާތެއް މިހާރު ނެތް ކަމަށެވެ.
ފަޔާޟް ވިދާޅުވީ އޭނާއަކީ ސިޔާސީ ބޭފުޅަކަށް ހެދީ އެއިރުގެ ސަރުކާރުން ކަމަށެވެ. ފުލުހުންގެ ޑީސީޕީ ކަމުގެ މަޤާމުން ސިޔާސީ މަޤާމަކަށް ބަދަލުކުރީ އެއިރުގެ ސަރުކާރުން ކަމަށެވެ. އެހެންކަމުން މިއަދު ބޭނުންފުޅުވަނީ ސިޔާސީ މައިދާނުގައި ޤައުމަށްޓަކައި ޚިދުމަތްކުރައްވަން ކަމަށެވެ.
ޤައުމަށް މިއަދު ކުރިމަތިވެފައިވާ ޙާލަތުން ސަލާމަތްކުރުމަށް ކުރަންޖެހިފައިވާ ޖިހާދުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ފަޔާޟް ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ރާއްޖެ ދެކެފައިވާ އެންމެ ބޮޑު އިޖުތިމާޢީ ޚިދުމަތްތެރިޔާ ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުއްދަވައިދެއްވުމުގައި ޚިދުމަތް ކޮށްދެއްވަވަނީ ކާކަށްކަމަށް ނުބައްލަވައި ޚިދުމަތް ކުރައްވަމުން ގެންދެވި އިޚްލާޞްތެރި ޚިދުމަތްތެރިއެއް ކަމަށެވެ.
ފަޔާޟް ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާއިއެކު އެންމެންގެ މަސައްކަތުން މިފަހަރު ޤާއިމުކުރެވޭނީ ޖޭޕީގެ ސަރުކާރެއް ކަމަށާއި ހަމައެކަނި ބޭނުމަކީ ޤައުމުގެ ޙާލަތު ބަދަލުކޮށް ރައްޔިތުންނަށް ތަނަވަސްކަމާއި އުފާ ފާގަތިކަން ހޯދައި ދިނުން ކަމަށެވެ.
ފަޔާޟްގެ ވާހަކަފުޅު: