މިހައިތަނަށް އެހެން އެންމެން ބުނަމުން އަންނަނީ އެމީހުންނަށް ވެރިކަން ލިބޭނީ ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ލިބިގެން ކަމަށް ކަމަށާއި ނަމަވެސް އެހާލަތު ބަދަލުކޮށް މިއަދު ބުނަންޖެހެނީ ޖޭޕީއަށް ވެރިކަން ލިބޭނީ އެހެން މީހުންގެ އެއްބާރުލުން ލިބިގެން ކަމަށް ޖޭޕީގެ ޕީޖީ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ 3 ވަނަ ކޮންގްރެސް ނިންމުމަމަށް މިއަދު ހަވީރު ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޢާދަމް ޢާޒިމް ވިދާޅުވީ ޖޭޕީ އުފެއްދީ ކީއްކުރަންތޯ މިސުވާލު އުފައްދަން މިއަދު އެބަޖެހޭ ކަމަށެވެ. އަބަދުވެސް ހަމައެކަނި ބައަކަށް ވެރިކަން ހޯދައިދޭން ކަމާއިމެދު ވެސް ސުވާލު އުފައްދަންޖެހޭ ކަމަށެވެ.
އާދަމް ޢާޒިމް ވިދާޅުވީ ޖޭޕީވެސް އުފެދުނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަކަމަށް އެންމެންވެސް ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ޖޭޕީ ބޭނުންވާ ގޮތަށް ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނީ ވެރިކަންކުރުމުގެ ފުރުޞަތު ޖޭޕީއަށް ލިބިގެން ކަމަށްވެސް ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
ޢާޒިމް ވިދާޅުވީ އެންމެ ފުރަތަމަ ރިޕަބްލިކަން ޕާޓީއެއް އުފެދިފައިވަނީ 1800 ގެ އަހަރުތަކުގައި އެމެރިކާގައި ކަމަށާއި އެޕާޓީ އުފެއްދީ އަޅުވެތިކަމުން ސަލާމަތްވުމަށް ކަމަށެވެ. ރާއްޖެވެސް މިއަދު މިއޮތީ އެހާލަތުގައި ކަމަށާއި ރައްޔިތުންނަށް މިވަނީ އަޅުވެތިކަމުން ސަލާމަތްވާން މަސައްކަތްކުރަންޖެހިފައި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންނަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ޕާޓީ ކަމަށެވެ.
"ޖުމްހޫރުގެ މާނައަށް ބަލާއިރު އެއީ ރައްޔިތުންތަކަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތަކުން އެމީހުން ސަލާމަތްކުރަން މަސައްކަތްކުރާ ޖަމާއަތެއް. އެޖަމާއަތް މީގެ 10 ވަރަކަށް އަހަރުކުރިން ރާއްޖޭގައި މިވަނީ އުފެދިފަ. އެހެންވީމާ ހުރިހާ ޖުމްހޫރުންނަށް އެބަ އެނގެންޖެހޭ އަޅުގަނޑުމެންނަކީ އަޅުވެތިކަމުން ސަލާމަތްވުމަށް މަސައްކަތްކުރާ ބައެއްކަން."
އާދަމް އާޒިމް ވިދާޅުވީ އެ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރާއިރު މަސައްކަތްކުރަންވާނީ ވެރިކަން ޖޭޕީއަށްވެސް ލިބޭނީ ހުރިހާ ރައްޔިތުންނާއި ޕާޓީތަކުގެ އެހީތެރިކަން ލިބިގެން ކަމުގެ ފިކުރުގައި ކަމަށެވެ.
"އަޅުގަނޑު ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދެނީ ޖޭޕީއަށް ވެރިކަން ހޯދައި ދިނުމަށް މަސައްކަތްކޮށްދިނުމަށް. އެގޮތަށް މަސައްކަތްކޮށްދީފިނަމަ މިއަދު ތަޙައްމަލުކުރަންޖެހިފައިވާ ހިތާމަ ތަހައްމަލުކުރާކަށް ނުޖެހޭނެ."
ޢާޒިމް ވިދާޅުވީ ޤާސިމް އިބްރާހީމް ޖޭޕީ އުފެއްދެވީވެސް ރައްޔިތުން އަޅުވެތިކަމެއްގައި އުޅެމުންދާތީ އެހާލަތުން ރައްޔިތުން ސަލާމަތް ކޮށްދެއްވައި މިނިވަންކޮށްދެއްވުމަށް ކަމަށެވެ. "ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ޖައްސަވާލަ ދެއްވި ބޭފުޅަކީވެސް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް. މިއީ ތާރީޚުން ފެންނަން އޮތް ހަޤީޤަތެއް. މިކަމަށް ޗެލެންޖުކުރަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެ."
ޢާޒިމް ވިދާޅުވީ ޖޭޕީއިން ޤައުމުގެ ވެރިކަމަށް އެހެން މީހުން ގެނެސް ދެވިއްޖެ ކަމަށާއި އެހެން މީހުން ވެރިކަމަށް ގެނައުމުގެ ވިސްނުން ބަދަލުކުރަން މިހާރު ޖެހިފައިވާ ކަމަށެވެ. އެހެން މީހުން ވެރިކަމަށް ގެނައުމުގެ ވާހަކަ ދެއްކުން މިއަދުން ފެށިގެން ހުއްޓާލަން ޖެހިއްޖެ ކަމަށެވެ.
"އެންމެ އާދައިގެ މީހެއްގެ ގޮތުގައި ހުރެ ފުދުންތެރިވުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. އަދި އެ ފުދުންތެރިކަމުން ރައްޔިތުންނަށް ޚިދުމަތްކުރުމަކީވެސް ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. ޤާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ ތަނަވަސް ސިކުނޑިން ވިސްނުން ބޭނުންފުޅު ކުރައްވައިގެން އެކަން ކުރައްވައި ޤައުމަށް ނަމުނާ ދައްކަވައިފަ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް ސަލާންޖަހާކަށް ނުޖެހޭނެ. ހުރިހާ އިންތިޒާމުތަކެއް އެކަމަށް ހަމަޖައްސާނަން." ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.
ޢާޒިމްގެ ވާހަކަފުޅު: