ސިޔާސީ ޕާޓީތައް އުފައްދަނީ އަދި ވެރިކަން ކުރަންޖެހެނީ ރައްޔިތުންނަށް ޚިދުމަތްކުރަން ކަމަށާއި ރައްޔިތުންނަށް ތަނަވަސްކަމާއި ކުރިއެރުން ހޯދައިދޭން ނަމަވެސް ރައްޔިތުންގެ ޖީބުތަކަށާއި ބޭންކް އެކައުންޓްތަކަށް ބެލުމުން މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި ޚިލާފްވެފައިވާ މިންވަރު އެނގިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ 3 ވަނަ ކޮންގްރެސް ނިންމައިލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑރ. މަޢްޞޫމް ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމުގެ ބަދަލުގައި މިސަރުކާރުން ގެންދަނީ ކޮންމެ ދުވަހަކުވެސް ރައްޔިތުން އިތުރަށް ދަރަނިވެރިކުރުވަމުން ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތަށްވުރެ ބޮލަކަށްޖެހޭ ދަރަނި މިއަދު މިވަނީ އެތައް ގުނައަކަށް އިތުރުވެފައި ކަމަށެވެ.
ޑރ. މަޢްޞޫމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ދަރަނި ބޮޑުވެ ސަލާމަތްނުވެވޭ ވަރަށް ދަރަނި އިތުރުކުރަން ނޫން ކަމަށާއި ރައްޔިތުން މިހާލަތުން ސަލާމަތްކުރެވޭނެ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ.
އެހެންކަމުން ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބުގައި ރައްޔިތުން ވޯޓުދޭނީ ޖުމްހޫރީ ޕާޓީއަށް ކަމަށް ޔަޤީން ކުރައްވާ ކަމަށާއި އެކަމުގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގެ ކަންކޮޅުތަކުން ޖުމްހޫރީ ޕާޓީ އާއި ގުޅޭ މެންބަރުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުން ކަމަށްވެސް ޑރ. މަޢްޞޫމް ވިދާޅުވިއެވެ.
ޑރ. މަޢްޞޫމްގެ ވާހަކަފުޅު: