ސިޔާދު ދެކެ ވަރަށް ލޯބިވޭ - ސިޔާދަށް ލިބެމުންދާ އަނިޔާތައް އެއްވެސް ގޮތަކުން ޤަބޫލެއް ނުކުރާނަން: ޢައިޝާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސިޔާދު ދެކެ ވަރަށް ލޯބިވޭ - ސިޔާދަށް ލިބެމުންދާ އަނިޔާތައް އެއްވެސް ގޮތަކުން ޤަބޫލެއް ނުކުރާނަން: ޢައިޝާ
ސިޔާސީ މައިދާނަށް ނުކުތުމުގެ ވިސްނުން ލިބިވަޑައިގަތީީ ރައްޔިތުންނަށް ލިބެމުން އަންނަ އުނދަގޫތަކާއި ދޮންދަރިކަލުން ސިޔާދަށް ކަންކަން ވަމުންދާ ގޮތުން ކަމަށް ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.



ޢާއިޝާ މިރޭ ވިދާޅުވީ ސިޔާދަކީ ދޮން ދަރިކަލެއް ނަމަވެސް ސިޔާދު ދެކެ ވަރަށް ލޯބިވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި އުޅުއްވަނީ ޤާސިމް އިބްރާހީމް ކަމަށާއި ސިޔާދަކީ އެއްވެސް ވަރަކަށް ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅެއްވެސް ނޫން ކަމަށެވެ. "ހުރިހާ ކަމަކަށް ކުރިމަތިލައްވަނީވެސް ޤާސިމް އިބްރާހީމް. ސިޔާދަކީ އެއްވެސް ކަމަކަށް ކުރިމަތިލައިގެން އުޅޭ ކުއްޖެއްވެސް ނޫން. ނަމަވެސް އެއްވެސް ޙައްޤެއް ނެތި ސިޔާދަށް ދެމުން ގެންދާ އަނިޔާއަކީ އަޅުގަނޑު އެއްވެސް ގޮތަކަށް ޤަބޫލުކުރާނެ ކަމެއް ނޫން."

ޢައިޝާ ވިދާޅުވީ ސިޔާސީ ގޮތުން އެންމެ މައްޗަށް ވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި މާތް ﷲ ގެ ވާގިފުޅާއިއެކު އަމިއްލަފުޅު ދިރިއުޅުއްވުމަށް އެއްވެސް ކަމެއް އިތުރަށް ބޭނުންފުޅު ނޫން ކަމަށާއި ބޭނުންފުޅަކީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ކަމަށެވެ.



ޢައިޝާ ވިދާޅުވީ ސިޔާސީ މައިދާނުގައި ފިރިކަލުން ޤާސިމް އިބްރާހީމް އަދާކުރައްވަމުން ގެންދަވާ މަޤާމް އަދާކުރެއްވުމާއިމެދު ބަސްފުޅެއް ވިދާޅުވަން އަދި ބޭނުންފުޅު ނޫން ކަމަށެވެ. "އެކަމުގެ ވަގުތު ވަރަށް އަވަހަށް އެބައާދޭ. ވަގުތު ޖެހުމުން، އެ ހާލަތު އައުމުން އެކަމަށް ބަހެއް ބުނާނަން. އިން ޝާ ﷲ!"

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު އެކިފަހަރު އެކި ތުހުމަތުތައްކޮށް ފުލުހުން ހުށަހަޅަމުން ގެންދާ ތުހުމަތުތަކަށް ބަލައި ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރުވަނީ އަމުރެއްނެރެފައެވެ. ސިޔާދުގެ މައްޗަށް ފުލުހުން ކުރަމުން ގެންދާ ތުހުމަތުތައް ޤާނޫނީ ވަކީލުން ގެންދަވަނީ ދޮގުކުރައްވަމުންނެވެ.

ސިޔާދުގެ މައްޗަށް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ލިބޭނެ ކަމަށް އުންމީދުކުރާ، އަދި ލިބޭނެ ވަކި ދުވަހެއް ނުއެނގޭ ހެކިތައްވެސް ހިމަނާފައިވުމުން ސިޔާދު ބަންދުގައި ބަހައްޓާ މައްސަލައިގައި ވަނީ އިތުރު ގިނަ ސުވާލުތަކެއް އުފެދިފައެވެ.
މިއަދު އޮންލައިން