ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހަތަރު މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 59ސ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހަތަރު މީހަކު ހޯދަނީ
ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން، އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވާ ހަތަރު މީހަކު، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަމުރާއި ގުޅިގެން އެހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

ސިވިލް ކޯޓުގެ މިއަމުރާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ތ. މަޑިފުށި އަސްރަފީގެ އަހުމަދު ތަޤިއްރު (25އ.) އާއި ޏ. ފުވައްމުލައް ރޯޅި އަޙުމަދު މުޙައްމަދު (47އ.)، ބ. ދަރަވަންދޫ އަކިރި މުޙައްމަދު ޙާފިޘް (47އ.) ގެ އިތުރުން ދަފްތަރު ނަންބަރު 7275 އަބްދުﷲ ނަސީރު (48އ.) އެވެ.

މިހަތަރު މީހުންވެސް ސިވިލް ކޯޓުން ހޯދަމުން ދަނީ، އެކޯޓުގައި ދައުވާ ކުރާ ހުކުމް ތަންފީޒު ކުރުމުގެ ދައުވާއަކާއި ގުޅިގެންނެވެ. އެހަތަރު މީހުންވެސް މިމަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ފުލުހުންނަށް އެކޯޓުން އަންގާފައިވެއެވެ.

ވީމާ އެހަތަރު މީހުންނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވާ ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓް ނަންބަރ 9991442 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.
މިއަދު އޮންލައިން