ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ ފުލުހަށް ޙާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ ފުލުހަށް ޙާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން: ޤާސިމް
"ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް އަޅުގަނޑަށް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެއަމުރުގައިވާފަދައިން ބޭސްފަރުވާގައި އަޅުގަނޑު ހުއްޓައި، އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަޅުގަނޑު ޙާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމަށް އަޅުގަނޑު ދެކެމެވެ. ޤާނޫނު ނަމްބަރު 2010/22 ގެ 77 ބައްލަވާލެއްވުން އެދެމެވެ."

މިއީ ޤާސިމް އިބްރާހީމް މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ. އެމަނިކުފާނު މިފަދަ ޓްވީޓެއް ކުރެއްވީ އެމަނިކުފާނުވެސް ޓެގްކޮށް ފުލުހުން ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކޯޓުން އަމުރުކޮށްފައިވީނަމަވެސް ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ފުރުޞަތު ދިނީ ވަރަށް ގިނަ ދުވަސްތަކަކަށްފަހުގައެވެ.

ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުން ސިންގަޕޫރަށް ވަޑައިގެން ފަރުވާއަށް ފެށްޓެވިތަނާހެން ސަރުކާރުން ވަނީ ޤާސިމް އިބްރާހީމް ކޮންމެ ގޮތަކުން ނަމަވެސް ރާއްޖެ ގެންނަން މަސައްކަތްކޮށްފައެވެ. އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދެވީ ހިއްޕުޅުގެ ވަރަށް ސީރިއަސް އާލާސްކަންފުޅަކަށް ކަމަށްވުމުން ދަތުރުފުޅު ކުރައްވަން ފިޓް ނޫން ކަމަށް ފަރުވާދެމުން ގެންދިއަ ޑޮކްޓަރުން ހާމަކުރުމުން އެކަންވެސް ވަނީ ޤަބޫލުނުކޮށްފައެވެ.

ފުލުހުން ފޮނުވައިގެން ރާއްޖެ ގެންނަންއުޅޭ ކަމުގެ ޚަބަރުތަކެއްވެސް ޢާންމުވެގެން ގޮސްފައިވާއިރު އެމަނިކުފާނަށް ދޫކުރި ޓްރެވަލް ޑޮކިޔުމަންޓްގެ މުއްދަތު ހަމަވުމުން އެކަންވެސް ވަނީ ހަމަޖައްސައިނުދީފައި ކަމަށް ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އެހާލަތުގައި ލިބިވަޑައިގެންނެވި ފުރުޞަތެއްގައި ފުރާނަ ސަލާމަތްކުރެއްވުމަށް ޤާސިމް އިބްރާހީމް ވަނީ ޖަރުމަން ވިލާތަށް ވަޑައިގެންފައެވެ. މިހާރު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަން ވިލާތުންނެވެ.

ޤާސިމް އިބްރާހީމް މިހާރު ހުންނެވި ހާލަތު ބަޔާންކުރައްވައި ޓްވީޓެއް ކުރެއްވީ އެމަނިކުފާނު ހުންނެވިތަން ސަރުކާރަށް އެނގޭއިރުވެސް ފިއްލަވައިގެން އުޅުއްވާ ކަމަށްބުނެ ފުލުހުން އެމަނިކުފާނަށް ޓެގްކޮށް ޗިޓެއް ޓްވީޓުކުރުމުން އެއިގެ ޖަވާބުގައެވެ.


މިއަދު އޮންލައިން